އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަގޫދޫގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރާނަން: ރައީސް
![](https://dhen.mv/wp-content/uploads/2021/10/A76C1234-972F-4E4E-B63E-D83B3847A023-850x548.jpeg)
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއަރޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވަރސިޓީއެއް ހިންގާ ރަށަކަށްވުމާ އެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ޓަރފް ދަނޑުގެ މަސައްކަތާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާ ބިން ހިއްކުމުގެ މަސައްކަތުގެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.