އޮސްކާގެ ބަންގްލަދޭޝްއިން ވަރުގަދަ އިންޑިއާ ހިފަހައްޓައިފި
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާއާއި ބަނގްލަދޭޝް ބައްދަލު ކުރި މެޗް 1-1ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.
މިއީ ސާފް ޗެންޕިއަންޝިޕް މެޗެއްގައި އިންޑިއާއާއި ބަނގްލަދޭޝް ވާދަ ކުރި ދިހަ ވަނަ ފަހަރެވެ. ސާފް ޗެންޕިއަންޝިޕްގައި މިހާތަނަށް ބަނގްލަދޭޝަށް އިންޑިއާގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.
އިންޑިއާއަކީ މި ސަރަހައްދުގެ ފުޓްބޯޅައިގެ ބޮޑު ބާރެކެވެ. މިގޮތުން މިހާތަނަށް ބޭއްވި 12 ސާޕްޗެންޕިއަންޝިޕް މެޗްގެ ތެރެއިން އިންޑިއާއިން ވަނީ 7 ފަހަރު ތަށި އުފުލައިލާފައެވެ. އަދި ފައިނަލްއާ ހަމައަށް ނުގޮސް މުބާރާތުން ކެޓީ އެންމެ ފަހަރަކުއެވެ. ބަނގްލަދޭޝަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުވެފައި ވަނީ 2003 ވަނަ އަހަރު އެކަންޏެވެ.
މިއީ މި އަހަރުގެ ސާފް ޗެންޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗެވެ. އަދި ބަނގްލަދޭޝްގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ސްރީ ލަންކާ ބަލިކޮށް ބަންގްލަދޭޝްއިން ވަނީ 3 ޕޮއިންޓް ހޯދައިފައެވެ.
މެޗްގެ ފުރަތަމަ ހާފްގައި ބަންގަލަދޭޝްއިން ކުޅެފައި ވަނީ ޑިފެންސަށެވެ. އަދި ބެލީ ކައުންޓަރ އެޓޭކްތަކުގައި ހަމަލާ އުފައްދާށެވެ. މެޗްގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ އިންޑިއާއިންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި އިންޑިއާއިން ވަނީ ލީޑް ނަގައިފައެވެ. މިގޮތުން މެޗްގެ 26 ވަނަ މިނެޓްގައި އިންޑިއާއަށް ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ސާފް ޗެންޕިއަންޝިޕްގައި ދެވަނައަށް އެންމެ ގިނަ ގޯލް ޖަހައިފައިވާ އިންޑިއާގެ ފޯވާޑް ސްނިލް ޗެތްރީއެވެ. އުދަންތާ އެސިސްޓްކޮށްދިން މި ބޯޅަ ގޯލްތެރެއަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ. އޭގެ ފަހުން ވެސް ސުނިލް ޗެތްރީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް ބަނގްލަދޭޝްގެ ކީޕަރު ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގައި ބަނގްލަދޭޝްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ރަތް ކާޑް ދައްކައިފައި ވަނީ 54 ވަނަ މިނެޓްގައި ބަނގްލަދޭޝްގެ ޑިފެންޑަރ ބިޝްވަނާތަށެވެ. އޭގެ ކުރިން މެޗްގެ 52 ވަނަ މިނެޓްގައި ބަނގްލަދޭޝްގެ ރަކީބް ހުސެއިންނަށް ވެސް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.
ދެވަނަ ހާފްގެ ކުރީ ކޮޅުގައި އިންޑިއާއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ބަނގްލަދޭޝްގެ ކީޕަރު ވަނީ މި ދެ ހަމަލާ ވެސް ދިފާއުކޮށްފައެވެ. މެޗްގެ 66 ވަނަ މިނެޓްގައި ކުރި ފައުލްއަކާ ގުޅިގެން އިންޑިއާގެ ފޯވާޑް އަދި މިމެޗްގައި ގޯލް ކާމިޔާބުކޮށްދިން ސްނިލް ޗެތްރީއަށް ރީނދޫ ކާޑެއް ދައްކައިފައިވެއެވެ.
10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ބަނގްލަދޭޝްއިން އިންޑިއާއާ އެއްވަރުކޮށްފައި ވަނި މެޗްގެ 77 ވަނަ މިނެޓްގައެވެ. ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ވައްދާލައިގެން ނަތީޖާ ހަމަހަމަކޮށްދިނީ ބަނގްލަދޭޝްގެ ފޯވާޑް ޔާސިން އަރަފާތެވެ. މިއީ ޔާސިން ބަނގްލަދޭޝްގެ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މިއަދުގެ މެޗް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަނގްލަދޭޝްގެ ކޯޗް އޮސްކާ ބްރުޒޮން ވަނީ އިންޑިއާގެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މިގޮތުން ބުނެފައި ވަނީ ފަހަކަށް އައިސް އިންޑިއާ ޓީމަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ ކަމަށާއި ސާފް ޗެމްޕިއަންޝިޕްގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމަކީ ބަނގްލަދޭޝް ކަމަށެވެ.
ބަނގްލަދޭޝްއިން ދެން ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗް އޮންނާނީ 7 ވަނަ ދުވަހުއެވެ. ރާއްޖެ މީގެ ކުރިން ނޭޕާލްއާ ބައްދަލު ކުރި މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. 7 ވަނަ ދުވަހު އިންޑިއާ ދެން ނިކުންނާނީ ލަންކާ ދެކޮޅަށެވެ.