އެމްއެންޕީގެ އިންތިހާބުގައި ބޭނުން ކުރަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންޓެރިމް އެގްޒެކިއުޓިވް ކައުންސިލްގެ މަގާމުތަށް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ބޭނުންކުރާނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އައު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވަނީ، އަންނަ ހުކުރު ދުވަަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ. އަދި ހަމަ އެދުވަހު އެ ޕާޓީގެ އިންޓެރިމް ކައުންސިލްގެ މަގާމުތަަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓު ލާން ވެސް ހަމަޖެހިފައިވެއެވެ.
އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާގައި ބޭނުންކުރާނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ކަމަށް އެމްއެންޕީން ބުނެފައިވެއެވެ.
އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާއިރު ޖުމްލަ 54 ބޭފުޅަކު އެމްއެންޕީގެ އެކި މަގާމުތަކަށް ކުރިމަތިލައްވައިފައި ވެއެވެ.
އޭގެ ތެރެއިން އެމްއެންޕީގެ ރައީސްކަމަށް ކުރިމަތިލެއްވީ އެ ޕާޓީ އުފެއްދުމަށް ޓަކައި އިސްވެ އުޅުއްވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެކަންޏެވެ. އެހެންވެ ނާޒިމް ވަނީ އޮޓަމެޓިކުން ރައީސްކަމަށް ހޮވިވަޑައިގެންފައެވެ.
ރައީސްގެ އިތުރުން ރާއްޖޭގެ ފަސް ސަރަަހައްދެއް ތަމްސީލް ކުރާ ގޮތަށް ފަސް ނައިބު ރައީސުން އަދި އަންހެން މެމްބަރުންނަށް ހާއްސަ ނާއިބު ރައީސްއެއް ވެސް ހޮވަން ހަމަޖެހިފައިވެއެވެ.
އޭގެ ތެރެއިން ހަތަރު ދާއިރާތަކަށް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފައި ވާތީ ނާއިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން މިހާރު ވެސް ވަނީ ހޮވިވަޑައިގެންފައެވެ. އޭގެ ތެރޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހިމެނެއެވެ.