ފުޓްބޯޅަ

ލަންކާ ބަލިކޮށް ނޭޕާލުން އަލަތު ފައިނަލާ ގާތަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: އިމޭޖްސް.އެމްވީ

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ނޭޕާލްއާ ލަންކާ ބައްދަލު ކުރި މެޗް 3-2 ގެ ނަތީޖާއަކުން، ނޭޕާލުން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

މިރޭގެ މެޗުން ލިބުނު މޮޅާއެކު ނޭޕާލް މިވަގުތު އޮތީ ހަ ޕޮއިންޓާއެކު ޓޭބަލްގެ އެންމެ ކުރީގައެވެ. ނޭޕާލުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ކޮޅަށް ތާރީޚީ މޮޅެއް ހޯދާ ތިން ޕޮއިންޓް ހޯދައިފައި ވެއެވެ.

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލަށް ދާނީ ފަސް ޓީމު ކުޅޭ ލީގު ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ލަންކާ މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ނާކާމިޔާބީއާ އެކު ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ވަރަށް ހަނިވެފައެވެ.

މިއީ ސާފްޗެންޕިއަންޝިޕްގައި ނޭޕާލުން ލަންކާއާ ދެކޮޅަށް ހޯދި ދެވަނަ މޮޅެވެ. އެންމެ ފުރަތަމަ ލަންކާ ދެކޮޅަށް ނޭޕާލް މޮޅެއް ހޯދައިފައި ވަނީ 2016 ވަނަ އަހަރުއެވެ. އެއީ އެންމެ ފަހުން ދެ ޓީމް ބައްދަލު ކުރި ފަހަރެވެ. އޭގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ދެ ޓީމް ބައްދަލު ކުރިއިރު، ތިން ފަހަރު މޮޅުވެފައި ވަނީ ލަންކާގެ ޓީމެވެ. އަދި އެއް މެޗުން އެއްވަރުވެފައި ވެއެވެ.

މިރޭގެ މެޗް ފެށިގެން 10 ވަނަ މިނެޓްގައި ނޭޕާލްގެ ކޯޗަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. ލަންކާއިން ފުރަތަމަ ނުރައްކާތެރި ހަމަލާ އުފައްދައިފައި ވަނީ މެޗްގެ 14 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިޔާތެރެއިން ނޭޕާލްގެ ފޯވާޑް ފޮނުވާލި ބޯޅަ، ލަންކާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.  މެޗްގެ 25 ވަނަ މިނެޓްގައި ލަންކާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. ކޯނަރަކުން ލިބުނު ބޯޅައެއް ގޯލަށް އަމާޒު ނުވެ ދިޔައީ ބޭރަށެވެ. މެޗްގެ 29 ވަނަ މިނެޓްގައި ކުރި ފައުލްއަކާ ގުޅިގެން ލަންކާގެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

މެޗުގެ ލީޑް ނޭޕާލުން ނެގީ މެޗްގެ 31 ވަނަ މިނެޓްގައެވެ. އެ ގޯލް ޖަހައިފައި ވަނީ ނޭޕާލްގެ ނަވަޔުގް ޝަރްތާ ދިން ޕާސްއަކުން ނޭޕާލްގެ ފޯވާޑް ސުމަން ލަމާއެވެ. ސުމަން ޖެހި ބޯޅަ ގޮސް ކީޕަރުގެ އަތުގައި ޖެހުމަށް ފަހު، ގޯލްގެ ހުރަސް ދަނޑީގައި ޖެހުމަށްފަހު ގޯލް ތެރެއަށް ވަނެވެ.

މެޗްގެ 38 ވަނަ މިނެޓްގައި ވެސް ނޭޕާލަށް ލީޑް ފުޅާކުރުމަށް ފުރުސަތު ލިބުނެއެވެ. އެހެން ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން، ފުރަތަމަ ގޯލް ކާމިޔާބު ކުރި ނަވަޔުގް ޝަރްތާ ޖެހި ބޯޅަ ގޯލްގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން 51 ވަނަ މިނެޓްގައި ނޭޕާލުން ވަނީ، ދެވަނަ ގޯލަކާ އެކު ލީޑް ފުޅާކޮށްފައެވެ. ދެވަނަ ގޯލް ނޭޕާލަށް ކާމިޔާބުކޮށްދީފައި ވަނީ އަންޖިން ބިސްޓާއެވެ. އޭގެ ހަ މިނެޓްފަހުން 57 ވަނަ މިނެޓްގައި ލަންކާއިން ވަނީ ގޯލެއް ކާމިޔާބުކޮށް، ނޭޕާލްގެ ލީޑް ހަނިކޮށްފައެވެ. ލަންކާގެ ގޯލް ކާމިޔާބުކޮށްދީފައި ވަނީ، މާވިލް ހެމިލްޓަނެވެ. މެޗްގެ 79 ވަނަ މިނެޓްގައި ނޭޕާލްގެ މުޙައްމަދު ފައިސަލަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

މެޗްގެ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް އަނެއްކާ ވެސް ނޭޕާލުން ވަނީ ލީޑް ފުޅާކޮށްފައެވެ. 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އައުޝް ގަލަންއެވެ.

މެޗްގެ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ލަންކާއަށް ވަނީ ޕެނަލްޓީއެއް ލިބި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ލަންކާއަށް ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ޑިއޮންޑީ ސިލްވާއެވެ.

ލަންކާ ދެން ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މިމަހު 7 ވަނަ ދުވަހު އޮންނަ މިމެޗަށް ފަހު 10 ވަަނަ ދުވަހު ލަންކާއިން ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ދެން އެންމެ އަވަހަށް ނޭޕާލަށް މެޗެއް އޮތީ 10 ވަނަ ދުވަހުއެވެ. ނޭޕާލް ވެސް ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!