އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން މި ފަހަރު ވެސް އަމުރެއް ނުދިން
ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ހައި ކޯޓަށް ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް އަލީ ވަހީދު ވަޑައިގަތް ފަހުން، އެނބުރި ރާއްޖެއަށް ވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުމުން އެ އަމުރު ނެރެނުދޭން ހައި ކޯޓުން މިދިޔަ މަހު ވެސް ނިންމިއެވެ. އަދި އެފަދަ އަމުރެއް ހޯދަން ދައުލަތުން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން ވެސް އެ އަމުރު ނެރެނުދޭން ވަނީ ނިންމައިފައެވެ.
ކްރިމިނަލް ކޯޓުން ފަހުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން، މިކަމާ ގުޅޭގޮތުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވޭނީ އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ކަމަށެވެ.
އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެ ނުދެވޭނެ ކަމަށާއި އެ ފަދަ އަމުރެއް ނެރެދެވޭނެ ހަމައެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ހައިކޯޓުގެ އެ ހުކުމުގައި ބުނެފައިވެއެވެ.
"ދިވެހިިރާއްޖޭގައި ނެތް މީހެއް ރާއްޖެއިން ފުރުން މަނާކޮށް، ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރެއް ޖިނާޢީ އިޖްރައާތުގެ ގާނޫނުގެ ދަށުން 75 ވަނަ މާއްދާގެ ދަށުން މި ހާލަތުގައި ނެރެދެވޭނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ." ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި އެ ހުކުމުގައި ވެއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެ ނުދިނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ޚިލާފަށް ކަމަށް ދައުލަތުން ބުންޏަސް، އެ މައްސަލައާއި އަލީ ވަހީދުގެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް ތަފާތު ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.