ފުޓްބޯޅަ

ސާފްގައި ރަސްކަން ކުރަމުން އައި އިންޑިއާއަށް ލަންކާ އަތުން ވެސް ސަލާމަތެއް ނުވެވުނު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: އަދަދު

ހަތް ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލައިލައިފައިވާ އިންޑިއާ ، ލަންކާއިން ހިފަހައްޓައިފިއެވެ.

Ads by STELCO

މިއަދު މެޗް އެއްވަރުވެފައި ވަނީ 0-0ގެ ނަތީޖާއަކުންނެވެ. ލަންކާ ފުރަތަމަ ދެ މެޗުން ވީ ބައްޔެވެ. ފުރަތަމަ މެޗްގައި 1-0 ގެ ނަތީޖާއަކުން ބަނގްލަދޭޝް ކައިރިން ބަލިވިއިރު، ދެވަނަ މެޗުން މުބާރާތުގެ އެއްވަނައިގައި މިވަގުތު އޮތް ނޭޕާލް އަތުން ބަލިވެފައިވަނީ 3-2 ނަތީޖާއަކުންނެވެ. މިއީ މިމުބާރާތުގައި އިންޑިއާގެ ދެވަނަ މެޗެވެ. އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝް ވަނީ 1-1ގެ ނަތީޖާއަކުން އިންޑިއާ ހިފަހައްޓައިފައެވެ.

މިއަދުގެ މެޗާއެކު އަދިވެސް ތާވަލްގެ އެންމެ ކުރީގައި އޮތީ ހަ ޕޮއިންޓާ ހޯދި ނޭޕާލެވެ. ހަތަރު ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ބަނގްލަދޭޝެވެ. މިއަދު މެޗުން ލިބުނު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ދެ ޕޮއިންޓާ އެކު އިންޑިއާއެވެ. އަދި އެއް ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައި ލަންކާ އޮތްްއިރު އެންމެ ޕޮއިންޓެއް ވެސް ނުލިބި ތާވަލްގެ އެންމެ ފުލުގައި އޮތީ ރާއްޖެއެވެ. ރާއްޖެ މިހާތަނަށް ކުޅެފައި ވަނީ އެއް މެޗެވެ.

އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. އެ ދެ ޓީމް އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2018 ވަނަ އަހަރު އޮތް ސާފްޗެންޕިއަންޝިޕްގައެވެ. އެފަހަރު 2-0ގެ ނަތީޖާއަކުން ކުރި ހޯދީ އިންޑިއާއެވެ. އިންޑިއާއި ލަންކާގެ ޓީމް މިހާތަނަށް 16 މެޗް ކުޅެފައިވާއިރު، މީގެ ތެރެއިން 9 ފަހަރު އިންޑިއާއިން ވަނީ ކުރި ހޯދައިފައެވެ. ލަންކާއަށް ތިން މޮޅު ލިބުނުއިރު، ހަތަރު މެޗް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފްގައި އުފެއްދިފައެއް ނުވެއެވެ. ލަންކާއިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. މެޗް ފެށިގެން 5 ވަނަ މިނެޓްގައި ކުރި ފައުލްއަކާ ގުޅިގެން ސްރީލަންކާގެ އަސިކޫރް ރަހްމާނަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. މެޗުގެ ދެވަނަ ރީނދޫ ކާޑް ދައްކައިފައި ވަނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް 43 ވަނަ މިނެޓްގައި އިންޑިއާގެ ސުރޭޝް ސިންހް އަށެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އައީ އިންޑިއާއިންނެވެ. ލަންކާއިން މި މެޗްގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އެ ޓީމުން ކުޅެމުން އަންނަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އިންޑިއާއިން ވަނީ މެޗުގެ ދެވަނަ ހާފްގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ 69ވަނަ މިނެޓްގައި އިންޑިއާގެ ކޯޗް އިންޑިއާގެ ކޯޗު އީގޯއަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. މި ކާޑް ދައްކައިފައި ވަނީ ރެފްރީގެ ނިންމުމަށް ޝަކުވާ ކުރަން ފެށުމުންނެވެ.

މެޗުގެ 72 ވަނަ މިނެޓްގައި އިންޑިއާއިން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލައިފައެވެ. އެހެން ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ، އޭގެ ކުރިން ޕެނަލްޓީ އޭރިއާގެ ތެރެއިން އިންޑިއާގެ ކުޅުންތެރިއަކު ފައުލް ކުރުމާ ގުޅިގެންނެވެ. މެޗްގެ 85 މިނެޓްގައި ލަންކާގެ ކޯޗަށް ވެސް ރީނދޫ ކާޑެއް ދައްކައިފައިވެއެވެ. މެޗު ނިމޭން ކުޑަތަންވަމުންދިޔަ ވަރަކަށް ލަންކާގެ ޓީމުން ދިޔައީ ވަގުތު ބޭކާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މެޗުގެ 88 ވަނަ މިނެޓްގައި ސުން ކަނޑުވާލާން ރަނގަޅު ފުރުސަތެއް އިންޑިއާއަށް ލިބުނެވެ. އެހެން ނަމަވެސް، ޑިފެންޑަރުސުބަސިޝް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗްގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނެޓް ދެއްކިއިރު, އިތުރު މިނެޓްގައި ވެސް ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި، މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

ސާފް ޗެންޕިއަންޝިޕްގައި ދެން މެޗެއް އޮތީ މިރެއެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ބަނގްލަދޭޝެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!