ފުޓްބޯޅަ

ރާއްޖެ މޮޅުވުން މަޖުބޫރު މެޗަކަށް ، ކާމިޔާބުކުރެވޭނެ ހުރިހާ ހަކަތައެއް އެބަހުރި!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ނޭޕާލާ ދެކޮޅަށް ނިކުތް މެޗް ފެށުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/އަދަދު

މިރޭ 9 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގައި އޮންނަ އުރީދޫ ސާފް ޗެންޕިއަންޝިޕް މެޗުގައި ރާއްޖެ ބަނގްލަދޭޝާއި ދެކޮޅަށް ނިކުންނައިރު، މި މެޗަކީ ސާފްގެ ރޭހުގައި އޮތުމަށް ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ.

Ads by STELCO

ލީގް އުސޫލުން ކުރިޔަށް ގެންދާ މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު، މިވަގުތު ތާވަލްގެ އެންމެ ފުލުގައި އޮތީ ރާއްޖެއެވެ. މިރޭގެ މެޗަކީ މިއަހަރުގެ މުބާރާތުގައި ރާއްޖެ ނިކުންނަ ދެވަނަ މެޗެވެ. މުބާރާތުގެ ފެށުން ރާއްޖެއަށް ގޯސްކޮށް ދިޔައިރު، މުބާރާތުގެ ދެވަނައިގައި މިވަގުތު އޮތް ބަނގްލަދޭޝް އިން މިހާތަނަށް ވަނީ އުންމީދީ ކުޅުމެއް ދައްކައިފައެވެ. މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލުން ރާއްޖެ ބަލިކުރީ 1-0ގެ ނަޖީތާއަކުންނެވެ. އެއީ ސާފް ޗެންޕިއަންޝިޕް މެޗެއްގައި ނޭޕާލުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް ދަތުރު ކުރާ މި މުބާރާތުގައި މިވަގުތު ތާވަލްގެ އެންމެ ކުރީގައި އޮތީ، ހަ ޕޮއިންޓާއެކު ނޭޕާލެވެ. އަދި ތިންވަނަ އަށް ދެ ޕޮއިންޓާއެކު އިންޑިއާ އޮތްއިރު، މިއަދު ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން ލަންކާ ވަނީ މިއަހަރުގެ މުބާރާތުން ކަޓައިފައެވެ.

މިރޭގެ މެޗުން ރާއްޖެ މޮޅުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިރޭ ތިން ޕޮއިންޓް ނުލިބިއްޖެ ނަމަ ދެން ހުރި މެޗުތަކުން މޮޅުވިޔަސް އަމިއްލަ ބާރުގައި ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިފައި އޮތުމެވެ.

މިރޭގެ މެޗް މުހިންމު ކަމަށް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ޤައުމީ ކެޕްޓަން އަކްރަމް ވަނީ ބުނެފައެވެ. އެންމެ ފަހުން އޮތް ސާފް މުބާރާތުގައި ރާއްޖެއަށް ތަށި ހޯދައިދިން ޤައުމީ ޓީމްގެ ކެޕްޓަން ބުނެފައި ވަނީ ބަންގްލަދޭޝް މެޗުން މޮޅު ނުވެ މުބާރާތުގައި ކުރިޔަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ތާރީޚަށް ބަލާލާއިރު، ފަހުގެ ތާރީޚެއްގައި ބަންގްލަދޭޝްއިން ރާއްޖެ ބަލި ކުރެވިފައެއް ނުވެއެވެ. އެންމެ ފަހުން ބަނގްލަދޭޝްއިން ރާއްޖެ ބަލިކޮށްފައި ވަނީ 2003 ވަނަ އަހަރު އެ ޤައުމުގައި އޮތް ސާފް ޗެންޕިއަންޝިޕްގެ ފައިނަލްގައެވެ. އެ އަހަރު ވެސް މޮޅުވެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ފަހުން 2011ވަނަ އަހަރު އަދި 2015 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގައި ދިވެހި ޤައުމީ ޓީމް ވަނީ ބަނގްލަދޭޝް ބަލިކޮށްފައެވެ. މިހާތަނަށް ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ އަދި ބަނގްލަދޭޝް ފަސް ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އެންމެ ފަހުން ބައްދަލު ކުރީ 2015 ވަނަ އަހަރުއެވެ. އެ އަހަރު ބަނގްލަދޭޝް ބަލި ކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މިރޭ އަމިއްލަ ފަސް ގަނޑުގައި ރާއްޖޭން ބަނގްލަދޭޝާ ދެކޮޅަށް ނިކުންނައިރު، މިރޭގެ މެޗަށް ދިވެހިން ތިބީ ފޯރީގައި ސަޕޯޓް ކުރަން ތައްޔާރަށެވެ. މެޗުގެ ކުރިން ޕޯސްޓަރުތަކާއި ލަވަތައް މީސްމީޑިއާއަށް ދޫކޮށްލިއިރު، ދިވެހިންގެ ޓީމަށް ސަޕޯޓް ކުރަން މިހާރު ވެސް މުޅި ދަނޑު ވަނީ ފުރައިލާފައެވެ. ޤައުމީ ޓީމަށް ކާމިޔާބީއަށް އެދެމެވެ.

މެޗުގެ ފުރަތަމަ 11

  • މުހައްމަދު ފައިސަލް (ކީޕަރު)
  • އަކުރަމް އަބްދުލް ގަނީ (ކެޕްޓަން)
  • ސަމޫހު އަލީ
  • ހުސެއިން ސިފާއު ޔޫސުފް
  • އަލީ އަޝްފާގު
  • ހަމްޒާ މުހައްމަދު
  • އަލީ ފާސިރު
  • އަސްހަދު އަލީ
  • ހުސެއިން ހަސަން
  • އިބްރާހިމް މަހުދީ ހުސެއިން
  • ހުސެއިން ނިހާން

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!