ގައިދީ މަރުވީ ބަލި ހާލަތު ގޯސްކަމުން ގެއަށް ބަދަލުކޮށްދޭން އެދިފައި ވަނިކޮށް
ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ރޭ ނިޔާވި މ. މަލަސް އުމުރުން 46 އަހަރުގެ އިސްމާޢީލް ޝަބީން ނިޔާވީ ބަލި ހާލަތު ގޯސްވުމުގެ ކުރިން އެކަށީގެންވާ ފަރުވާ ލިބިދިނުމަށް އޭނާގެ ބަންދަށް ލުއި ދޭން ކޯޓުގައި އެދިފައި ވަނިކޮށްކަމަށް ބުނެ އޭނާގެ ލޯޔަރު ކޯޓަށް ފޮނުވައިފައިވާ ސިޓީއެއް އާއްމުވެއްޖެއެވެ.
މިއޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛާ ސިޔާމާ މުޙައްމަދަށް އެޑްރެސްކޮށް ޝަބީންގެ ލޯޔަރު އަހުމަދު ޝާން ފޮނުވައިފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ޝަބީންގެ ހައްޔަރުގައި ވޭތުވެ ގޮސްފައިވާ ދުވަސްތަކުގައި ތަފާތު އެކިފަހަރު މަތިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އޭނާ ޑޮކްޓަރަށް ދައްކާފައިވާ ނަމަވެސް، ފަރުވާ ދިނުމުގެ ކަންކަން ގެންގޮސްފައި ވަނީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ.
ޝަބީންގެ ލޯޔަރުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޝަބީންއަށް ޑޮކްޓަަރުން ވަނީ ސަމާލުވުމަށް ހާއްސަ އިރުޝާދުތަކެއް ދީފައެވެ. މިގޮތުން ޑަޔަބެޓިކް ޕޭޝަންޓުންނަށް ޚާއްޞަ ކުރެވިފައިވާ ކާނާ ކެއުމަށާއި ޤަވާޢިދުން ވަކި ޚާއްޞަ ކަސްރަތުތަކެއް ކުރުމަށާއި ލޭގެ ސުންކު ނަގައި ޤަވާއިދުން ރިވިއުކުރުމަށް ވަނީ އިރުޝާދު ދީފައިކަމަށް ލޯޔަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
"އިސްވެ ބަޔާންކުރެވިފައިވާ 03 އިރުޝާދުގެ ތެރެއިން އެއްވެސް އިރުޝާދަކަށް އަޅުގަނޑުގެ މުވައްކިލަށް ޢަމަލުކުރެވޭނެ ގޮތެއް މިއަދާ ހަމައަށް ވެސް ހަމަޖައްސައި ދެވިފައި ނުވާކަން ވަރަށް ހިތާމަޔާ އެކު ފާހަގަކުރަމެވެ." ޝަބީންގެ ލޯޔަރުގެ ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް ޝަބީންއަކީ ގައިން ގަޔަށް ނާރާ ޓީބީގެ ވައްތަރެއްގެ ޖެހިފައިވާ މީހެއްކަމަށް ވެސް މިސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ޝަބީންގެ އަތް ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އާދަޔާ ޚިލާފަށް އައްސިވެ ނިދުމަށް ހުރަސް އަޅާ ނަފްސާނީ ބައްޔެއްގެ އަލާމާތްތައް ފެންނަށް ފަށާފައިވާކަމަށް ވެސް މި ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
"މިޙާލަތުގައި މުވައްކިލުގެ އާއިލާއިން ވެސް އިއްޒަތްތެރި ފަނޑިޔާރުގެ ކިބައިން ވަރަށް އަދަބުވެރިކަމާއި އާދޭސް ދަންނަވާ ޙާލު މިއެދެނީ އަޅުގަނޑުގެ މުވައްކިލުގެ ބަންދަށް ލުޔެއް ދެއްވާ އޭނާގެސިއްހީ ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން އެކަށީގެންވާ ފަރުވާ ލިބިގަތުމުގެ ފުރުޞަތެކެވެ." މިސިޓީގައި ފާހަގަކޮށްފައިވެއެވެ.
ކަރެކްޝަނުން "ދެން"އަށް މައުލޫމާތު ރޭ ދެމުން ވިދާޅުވީ ރޭ ނޫން ކުރީރޭ 19:00ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ޝަބީންއަށް ފަރުވާ ދެމުންދިޔަ ކަމަށާއި ނިޔާވެފައި ވަނީ ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެނިކޮށް ރޭ ކަމަށެވެ.
Ads by HDC