ކުޅިވަރު ފުޓްބޯޅަ

"ބަންގާޅު ކޯޗުގެ ނުރުހުން ރެފްރީއަށް: "އޭނާ ބޭރު ކުރަން ޖެހޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ/ވަގުތު

ސާފް ޗެންޕިއަންޝިޕްގައި ރޭ ރާއްޖެއަތުން ލިބުނު ބައްޔާއެކު ބަނގްލަދޭޝް ކޯޗް އޮސްކާ ބުރުޒޮންގެ ނުރުހުން ރެފްރީއަށް އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

2-0ގެ ނަތީޖާއަކުން ރާއްޖެއިން ރޭ ކާމިޔާބު ކުރި މެޗަކީ މިއަހަރުގެ މުބާރާތުގައި ބަނގްލަދޭޝަށް ކުރިމަތިވި ފުރަތަމަ ނާކާމިޔާބީއެވެ. އެ ޓީމުން ފުރަތަމަ ނިކުތީ ލަންކާ ދެކޮޅަށެވެ. އެ މެޗުން 1-0 ގެ ނަތީޖާއަކުން ލަންކާ ބަލި ކުރިއިރު، ދެވަނަ މެޗްގައި 1-1 ގެ ނަތީޖާއަކުން ސަރަހައްދީ ފުޓްބޯޅައިގެ ގަދަ ބާރު، އިންޑިއާ ވެސް އެ ޓީމުން ހުއްޓުވިއެވެ.

ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އޮސްކާ ވަނީ މެޗުގައި ރެފްރީކަން ކުރި އިރާގުގެ ހަސަން ޔޫސުފަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނެފައި ވަނީ މެޗްގައި ރާއްޖެ ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި އެހެން ނަމަވެސް ރެފްރީ ހުރީ ވަކިކޮޅަކަށް ގޮސް ހުސްވެފައި ކަމަށެވެ.

ރޭގެ މެޗްގައި ބަނގްލަދޭޝްއިން ވަނީ ގިނަ ފައުލްތަކެއްކޮށްފައެވެ. މުޅި މެޗްގައި ޖުމްލަ 30 ފައުލް އެ ޓީމުންކޮށްފައިވާއިރު، 5 ރީނދޫ ކާޑް އެ ޓީމަށް ދައްކައިފައި ވެއެވެ. އަދި އެ ޓީމާ ދެކޮޅަށް އެއް ޕެނަލްޓީ ވެސް ދީފައި ވެއެވެ. ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައި ވަނީ އެ ޕެނަލްޓީއިންނެވެ.

ކޯޗް އޮސްކާ ބުނެފައި ވަނީ، ރެފްރީއާ ކިޔައިގެން އޭނާއަށް އަދަބެއް އަންނަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް،  ރެފްރީ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އޭގެ ފަހުން ވެސް ފާޑު ކިޔުން އަމާޒު ކުރިއެވެ.

"މިކަހަލަ ބޮޑެތި މުބާރާތްތަކުގައި މިކަހަލަ ރެފްރީން ލައިގެން ކުރިޔަށް ގެންދަން ހެޔޮ ނުވާނެ. އަހަރެމެން ބޭނުން މި ރެފްރީ މުބާރާތުން ބޭރު ކުރަން. ރާއްޖެ މޮޅުވީ ރެފްރީގެ ސަބަބުންނޭ ނުބުނަން، އެކަމަކު އެވަރަަށް އެހީތެރިކަން ނުލިބި ވެސް ރާއްޖެ މޮޅުވެދާނެ" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ބަނގްލަދޭޝް ޓީމުން ފުރަތަމަ ހާފްގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެހެން ނަމަވެސް ޓީމުގެ ކުޅުން ގޯސްވެ، މިސްޓޭކްތައް ހެދެން ފެށީ ފުރަތަމަ ގޯލާއެކު ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް އެ ޓީމުން ނިކުތީ 72 ގަޑިއިރުގެ ރެސްޓް ކުރުމަށް ފަހުގައި ކަމަށާއި ރެސްޓް ނުލިބި ކުޅެން ޖެހުމުން ވެސް ކުޅުން ދަށްވި ކަމަށެވެ.

ރާއްޖެ ރޭ ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައި ވަނީ ހަމްޒާއެވެ. އެއީ މިހާތަނަށް މި މުބާރާތުގައި ޖެހި އެންމެ ރީތި ގޯލެވެ.

ތާވަލަށް ބަލާއިރު، އަދިވެސް ތާވަލްގެ އެންމެ ކުރީގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި ނޭޕާލެވެ. މިރޭގެ މެޗުން ދަށްވި ނަމަވެސް 4 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތީ ބަނގްލަދޭޝެވެ. އަދި ތިންވަނައިގައި ތިން ޕޮއިންޓާއެކު ރާއްޖެ އޮތްއިރު، އިންޑިއާ އޮތީ ދެ ޕޮއިންޓާއެކު ފަހަތުން ދެވަނައިގައެވެ. އެންމެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ސްރީލަންކާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!