ނުބައި ބަސް ބުނުމުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެ، ނުބައި ބަހުގައި ހަރުދަނާ ކަމެއް ނުހުންނާނެ: ޚުތުބާ
އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ހެޔޮ ބަސް ބުނުމުގެ މައްޗަށެވެ.
އެގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ސީދާ ވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސް ބުނާށެވެ! (އޭރުން) ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިސްލާޙުކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަވަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ.
ހެޔޮ ބަހަކީ ޞަދަޤާތެއްކަން މިއަދުގެ ޚުތުބާގައި ހަނދުމަކޮށްދެއްވައިފައިވެއެވެ. ހެޔޮ ބަސް ޞަދަޤާތަކަށް ވަނީ މުޖުތަމަޢުއަށް އޭގެ ހެޔޮ އަސަރު ކުރާލެއް ބޮޑުކަމުންނެވެ.
ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާ ހުރި މޭވާއެކެވެ. އެއީ ހިނިތުންވުން ގެނެސްދޭ ކަމެކެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޙްސިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެ ފޭރާމެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް އޭނާގެ މެސެޖުތައް ގެންގޮސްދޭ ޞަފީރެވެ. ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ޙަޟްރަތަށް ނުފޯރާނެއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރަނގަޅު ބަސްތައް އުފުލިގެން ދަނީ، އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލު އެކަލާނގެ ޙަޟްރަތަށް އުފުއްލަވަތެވެ.
ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާއަށާއި އަޑު އަހާ މީހާއަށް ލާބައާއި މަންފާއެވެ. އެބަހުގައި ފުރައްސާރަ ކުރުމެއް، ނެތި މޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭނެއެވެ. ހެޔޮ ބަހަކީ މާތް ﷲ ހަނދުމަކުރުމާއި ތަހްލީލާއި ތަޙްމީދާއި ތަސްބީހަ ކިޔުމެވެ. އެއީ ފައިދާ ކުރަނިވި ޢިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް ޢަމަލު ކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. އެއީ މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގު ދެއްކުމެވެ.
ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ ހިޔާ ބޮޑެވެ، އެ ގަހުގެ މަންޒަރު ރީއްޗެވެ، އެ ގަހުގެ ވަސް ރީއްޗެވެ. އެ ގަހުގެ މޭވާ ފޮންޏެވެ. އެ ގަހުގެ ފައިދާ ގިނަގުނައެވެ. އެ ގަހުގެ މޫތައް ވަރުގަދައެވެ. އެއި މަތިވަރު ރަނގަޅު ގަހެކެވެ. އެއީ އަބަދުވެސް މޭވައި އަޅައި ފުރިފައިވާ ގަހެކެވެ. އެ ގަހުގެ މޭވާ ދުވަހަކު ވެސް ހުހެއް ނުވެއެވެ. މިފަދަ ގަސް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުންވެއެވެ. މިފަދަ ބިމަކީ މާތް ﷲ އަށް އަޅުކަން ކުރާ ޞާލިޙު މުއުމިނާގެ ނަފްސެވެ. އެފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ، މާތް ﷲގެ ޙަލްޤުތަކުންނާ އެކު ރިވެތި ގޮތުގައި މުޢާމަލާތް ކުރާ މީހަކަށެވެ.
އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ، ޢާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރީތި ނަމޫނާއާއި، މަދުރަސީ ރަނގަޅު ތަރުބިއްޔަތާއި ޞާލިޙު ރަނގަޅު ވެއްޓެއް އެކުދިންނަށް ހޯދައިދީގެންނެވެ. މި ތިން މާހައުލަކީ ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް، މަރުވެފައިވާ ބިމެއް ފަދަ މާހައުލަކަށް ވެއްޖެ ނަމަ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ އާދަ އަށައެއް ނުގަންނާނެއެވެ. އެފަދަ ވެއްޓެއްގައި އުފެދި ބޮޑުވާ ބައެއްގެ ސަބަބުން މުޖުތަމައު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އެމީހުންގެ ކިބައިން ޤައުމަށް ރަނގަޅު ޚިދުމަތެއް ނުލިބޭނެއެވެ.
ނުބައި ބަސްތަކުގައި ހަރުދަނާ ކަމެއް ނުހުންނާނެއެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެއެވެ. އެފަދަ ބަސްތަކުގެ ސަބަބުން މީސްތަކުންނަށް މަގު އޮޅޭނެއެވެ. އެކަކު އަނެކަކާ ޖެހި، މޫނު ކެނޑޭނެއެވެ. މީހުން މަގު ފުރެދި، ޙައްޤުގެ މަގަށް ހުރަސް އެޅޭނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުއިން މިފަދަ ނޭދެވޭ ޢަމަލުތައް ފެންނަ ކަމީ ހިތާމަ ހުރި ކަމެކެވެ.