ނައިބުރައީސް ގެއަށް ބަދަލުކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދިނުމަށް ފަހު މިހާރު ގެކޮޅަށް ދޫކޮށްލައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ފައިސަލް ނަސީމްގެ ހާލުކޮޅު ދެރަވެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ނައިބް ރައީސްގެ ހާލުކޮޅު ރަނގަޅުވުމުން މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ބަލިހާލު ދެރަވެގެން ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި މެއި މަހު ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ. މިފަހަރު ކޮވިޑްގެ އެއްވެސް އާލާސްކަންފުޅެއް ނެތެވެ.