ކުޅިވަރު

ޓިކެޓު ވިއްކުމުގައި މަކަރު ހެދިކަމުގެ ތުހުމަތާ އެކު ބައްސާމްގެ އިސްތިއުފާއަށް ގޮވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޓިކެޓު ނުލިބުމުން އާންމުން މުޒާހަަރާ ކުރަނީ/ ފޮޓޯ: ވަގުތު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ މާދަމާ ހަވީރު ބައްދަލު ކުރާ މެޗުގެ ޓިކެޓު ވިއްކުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މަކަރު ހަދައިފައިވާކަމުގެ ތުހުމަތުކޮށް، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދެއްވުމަށް ގޮވަން ފަށައިފިއެވެ.

Ads by Sosun Fihaara

މާދަމާގެ މެޗަށް ޓިކެޓު ވިއްކަން ފެށީ މިއަދު ހެނދުނު 10:00ގައެވެ. ނަމަވެސް ހެނދުނު 7:00އިން ފެށިގެން ޓިކެޓު ގަތުމަށް މީހުން ކިޔު ހަދައިފައި ތިއްބެވެ.

ޓިކެޓު ވިއްކަން ފެށިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި ޓިކެޓު ހުސްވެއްޖެ ކަމަށް ދަނޑުގެ ޓިކެޓު ކައުންޓަރުގައި ތިބި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަންގައިފައެވެ.

ގަލޮޅު ދަނޑުގައި 5000 މީހުންނަށް ތިބެވޭނެ ޖާގައެއް އޮތް އިރު، އެ އަދަދަށް ޓިކެޓު ވިކި ހުސްވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އެ ތަނުގައި އެވަގުތު ތިބި އާންމުންގެ ބަޔަކު ވަނީ ބުނެ، އިހުތިޖާޖު ކުރަން ފަށައިފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ގިނަ ޓިކެޓުތައް ބައްސާމް ބޭނުން ބަޔަކަށް ބަހައިލައިފައިވާ ކަމަށެވެ.

މަޖީދީ މަގުގައި ލައުޑް ސްޕީކަރު ހިފައިގެން މުޒާހަރާ ކުރަމުން ދާއިރު، ފުލުހުން މިވަގުތު ތިބީ ޓިކެޓު ކައުންޓަރ ކައިރީގައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ، ޓިކެޓް ކިޔުގައި ތިބި އިރު ޓިކެޓު ނުލިބުމަކީ މައްސަލައެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!