ޓިކެޓްގެ ކަޅު ބާޒާރެއް؛ ޓިކެޓެއް 700 ރުފިޔާއަށް
މާދަމާ ކުޅޭ ރާއްޖެ-ސްރީ ލަންކާ މެޗުގެ ޓިކެޓްތައް ކަޅު ބާޒާރުގައި ވިއްކަން ފަށައިފިއެވެ.
ޓިކެޓް ވިއްކަން ބައެއް މީހުން މީސްމީޑިއާގައި ޕޯސްޓްތައް ޖަހާފައި ވެއެވެ. އެ ޕޯސްޓްތަކުގައިވާ ގޮތުން ޓިކެޓެއްގެ އަގު އުޅެނީ 500-700 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ޓިކެޓްގެ ކަޅު ބާޒާރެއް އުފެދިފައި ވަނީ، މާދަމާގެ މެޗުގެ ޓިކެޓް ގަންނަން ފަތިހުންސުރެ ގިނަ ބަޔަކު ކިއު ހަދައިގެން ތިބިއިރު، ޓިކެޓް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވެ، އެސަރަހައްދުގައި ބަޔަކު މުޒާހަރާކޮށްފައިވާ ދަނޑިވަޅެއްގައެވެ.. އަދި ދަނޑު ތެރެއަށް ވަދެގަނެ، ޓިކެޓް ވިއްކިގޮތުގެ ރިކޯޑް ވެސް ބައެއް މީހުން ބެލިއެވެ.
ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 2،500 ޓިކެޓް ހުސްވުމުން މާދަމާ ރޭގެ މެޗުން އިތުރު 1000 ޓިކެޓް ވިއްކުމަށް އެފްއޭއެމްއިން ފަހުން ވަނީ ނިންމައިފައެވެ. އެފްއޭއެމްއިން ނެރުުނު ބަޔާނެއްގައި ވިދާޅުވީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކާއި ކްލަބްތަކަށް ހާއްސަކޮށްފައިވާ 2،500 ޓިކެޓްގެ ތެރެއިން އާންމުންނަށް 1000 ޓިކެޓް ވިއްކަން ނިންމައިފައިވާ ކަމަށެވެ. މިއާ އެކު ޓިކެޓް ނުލިބިގެން މުޒާހަރާ ކުރަމުން ދިޔަ ބައެއް ފަރާތްތަކުން އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފައެވެ. މިރޭ 8 ޖަހާއިރު ސޯޝަލް ސެންޓަރުން ޓިކެޓް ވިއްކަން ނިންމާފައިވާއިރު، ތިނެއް ޖެހިއިރުން ފެށިގެން އެސަރަހައްދުގައި ވަނީ ކިއު ދަމައިލާފައެވެ.
ރާއްޖެ-ބަންގާޅު ކުޅުނު މެޗުގައި ވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ކަޅު ބާޒާރުގައި ބަނގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް ވިއްކައިފައިވެއެވެ. އެ މެޗުގެ ޓިކެޓް 2،000އަށް އަރައިގެން ދިޔައިރު، ކަޅު ބާޒާރުގައި ބަންގާޅުންނަށް ބޮޑު އަގުގައި ޓިކެޓް ގަނެ މެޗަށް ނުވަދެވުނެވެ. އެފްއޭއެމްއިން ކަނޑައަޅައިފައި ވަނީ ވަކި ސަރަހައްދެއް އަވޭ ޓީމުގެ ސަޕޯޓަރުންނަށް ޚާއްސަ ކުރުމަށެވެ.