އެޗްއާރްސީއެމް މުވައްޒަފުންގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ހައްގުތައް ކަށަވަރު ކުރުމަށް ގޮވައިލައި އިދިކޮޅުން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެޗްއާރުސީއެމްގެ ބައެއް މެމްބަރުންނާއި އިސްވެރިން އެތަނުގެ ބައެއް މުވައްޒަފުންނަށް ވަޒީފާއިން ކަނޑައިލާނެކަމުގެ ބިރު ދެއްކުމާއި އެމުވައްޒަފުން މަސައްކަތްކުރާ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާތީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ 84 މައްސަލައެއް ފާހަގަކުރެވި އެކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން ފާޅުކުރުމުން އެ މުވައްޒަފުންނަށް ކުރިއަށްވުރެ ވެސް ބޮޑަށް އިހާނެތިކޮށް ހިތައި ބުލީކުރުމާއި ފުރައްސާރަކުރުން އިތުރުވެގެން ގޮސްފައިވާކަމަށެވެ. އަދި އެޗްއާރުސީއެމްގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ކެނޑިގެން ގޮސްފައިވާ ކަމަށާއި މެމްބަރުންނާއި މުވައްޒަފުންނާ ދެމެދު ޒާތީ މައްސަލަތަކެއް އުފެދި މިނިވަން މުއައްސަސާއެއްގެ ޒިންމާ އަދާކުރުމަށް ބުރޫއަރާ ހާލަތަކަށް އެމުއައްސަސާގެ މަސައްކަތްތައް ބޮއްސުންލާފައި ވާތީ މެމްބަރުންނާއި މުވައްޒަފުންނާއި ދެމެދު ދިމާވެފައިވާ މައްސަލަތައް ބަލައި ތަހުގީގުކޮށް މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ދުޅަހެޔޮ މާހައުލެއް ގާއިމްކޮށްދިނުމާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވައިލާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށެވެ.
މިމައްސަލައިގައި ބަހުސް ކުރުމަށް މަޖިލީހަށް ބަލައިގަންނަން ވޯޓަށް އެހުމުން ހާޒިރުވެވަޑައިގެން ތިއްބެވި 41 މެމްބަރުންގެ ތެރެއިން މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 4 މެމްބަރުންނެވެ. އެހެންކަމުން 36 މެމްބަރުން މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވުމުން އެޗްއާރުސީއެމްގެ މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.
އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ މެމްބަރު ޝަރީފު ބޭނުންވެވަޑައިގަންނަވާނަމަ އެމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދު މަޖިލީހުގައި އިންނެވި ކަމަށާއި އެކަމަނާ މީގެ ކުރިންވެސް އެފަދަ މައްސަލަތައް ކޮމިޓީން ބެލެންޖެހޭނެ ކަމަށް ނަޝީދުގެ އަރިހުގައި ދެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް އެމުވައްޒަފުން ވަނީ ގެނަސްފައެވެ. އެގޮތުން ރައީސަށް މުވައްޒަފުންގެ ހާއްސަ ސިޓީއެއް ފޮނުވައިފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ސަމާލުކަމަށް ވެސް މިކަން ވަނީ ގެނަސްފައެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް އެކަމަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.