ނަޝީދު ޖެންގައި ހުންނަވާތީ މަލީހްގެ ފާޑުކިޔުން: މާލެ ރައްކާތެރި ނޫން ނަމަ އާރަށުގައި ނުބެހެއްޓީ ކީއްވެ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނަވާތީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ނަޝީދު ހޮޓެއް ޖެންގައި ހުންނަވާ ހުންނެވުމަށް ދައުލަތުން ހަރަދު ކުރާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި މަލީހް ވިދާޅުވީ ޖެން ހޮޓަލަށް ފައިސާ ދައްކާ މީހާ އެ ކުރަނީ ޤާނޫނީ ކުށެއް ކަމަށެވެ. އަދި މާލެ ރައްކާތެރި ނޫން ނަމަ އާރަށުގައި ނުބެހެއްޓީ ކީއްވެތޯ މަލީހް ސުވާލު ކުރެއްވެވިއެވެ.
"ޖެން ހޮޓަލަށް ފައިސާ ދައްކާ މީހާ އެކުރަނީ ޤާނޫނީ ކުށެއް. ދައުވާ ކުރެވިދާނެ: 1. ދައުލަތަށް ފައިދާވާން އޮންނަ ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުން 2. އެހެންމީހަކަށް ފައިދާވާ ފަދަ އަމަލެއް ކުރުން 3. މަޤާމުގެ ނަހަމަ ބޭނުންކުރުން. މާލެ ސެކިއޯ ނޫން ނަމަ އާރަށުގައި ނުބެހެއްޓީ ކީއްވެ؟" މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ނަޝީދު ރާއްޖެ ވަޑައިގެން ހޮޓެލް ޖެން ގައި ހުންނަވާތީ މަލީހް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މިގޮތުން މަލީހް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ 3 ދުވަހަށް ރައީސް ނަޝީދު މާލެ ވަޑައިގެން ހޮޓެލް ޖެންގައި ހުރުމަށް 1989 ޑޮލަރު އަރާނެ ކަމަށާއި މިފައިސާ ދިވެހި ރައްޔިތުންގެ ބައިތުލް މާލުން ނުދައްކާކަން ރައްޔިތުންގެ މަޖިލިހުން ޔަޤީންކޮށް ދެވިދާނެތޯ އައްސަވައިފައެވެ.
ނަޝީދު ރާއްޖެވަޑައިގެން ހުންނަވާތާ 3 ދުވަހަށް ވުރެ ގިނަވެފައިވާއިރު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ހާމައެއް ނުކުރައްވައެވެ، އެހެން ނަމަވެސް އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނަވާ ހުންނެވުމުގެ ހުރިހާ ހަރަދެއް ކުރަނީ ދައުލަތުންކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބަައްދަލު ވުމެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.