މަޙްމޫދު މަރައިލި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ނާޒިމް ގޮވައިލައްވައިފި

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނު މަޙްމޫދު މަރައިލުމުގައި ޝާމިލްވާ މީހުން ހޯދައި ހަރުކަށި އަދަބު ދިނުމަށް ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މޮނަލާޒް މަހްމޫދު އަބޫބަކުރު އަނިޔާވެރިގޮތަކަށް މަރައިލައި ވަޅަކަށް ވައްޓައިލައިފައި އޮތް އޮތުން، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ޖަރީމާ ހިންގި ބަޔަކު ހޯދާ ހަރުކަށި އަދަބު ދިނުމަށް ނާޒިމް ވަނީ ފުލުހުންނަށް ގޮވައިލައިފައެވެ.
އަނިޔާވެރިގޮތަކަށް މަރައިލުމަށް ފަހު އދ. ދަނގެތީ ވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވާ އިއްޔެ ފެނުނު އެރަށު މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މާލެ ގެނެސްފައި ވަނީ އޭނާގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށެވެ. އަދި އެ ޓެސްޓުތައް ހެދުމަށް ފަހު މިއަދު މަހްމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދާނެއެވެ. މަހްމޫދުގެ ޖަނާޒާ އޮންނާނީ ދަނގެތީގައެވެ.
މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އދ. ދަނގެއްޗަށް ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރުން ވަނީ ގޮސްފައެވެ.