ދީން

ރަސޫލާ (ޞޢވ)އަށް ޤަދަރު ކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނިގެންވާ ވާޖިބެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ދެކެ ލޯބިވުމުގެ މައްޗަށެވެ.

ދުނިޔޭގެ ތާރީޚް ލިޔުއްވާ މުއައްރިޙުން ފާހަގަ ކުރައްވާ ގޮތުގައި އިންސާނުން އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފައްސަތޭކައިގެ އަހަރުތަކެވެ. އެދުވަސްވަރު މުޖުތަމަޢުތަކުގައި އަރައިނުގަންނަ ފާފައެއް ނެތެވެ. ނުކުރާ ހަޑި މުޑުދާރު ޢަމަލެއް ނެތެވެ. އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާޙުގެ ޙަޤީޤީ މަޢުރިފާވެރިކަން ވަނީ ގެއްލި އުވި ގޮސްފައެވެ. އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށައި މަށައިގެން އަމިއްލައަށް އުފައްދާ ބުދުތަކަށެވެ. ގަސްގަހާއި ގެއްސަށާއި ކޯރު ކޯރަށާއި އަލިފާނަށެވެ.

މިފަދަ ދަށު ދަރަޖައަކަށް އިންސާނުން ވެއްޓިފައި ވަނިކޮށް، ކޯފާގެ މި ފުން އަނދަވަޅުން އިންސާނުން ސަލާމަތް ކުރެއްވުމަށް ޓަކައި މާތް ﷲ އިޚްތިޔާރު ކުރައްވައި ފޮނުއްވި މާތް ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އެވެ. އެކަލޭގެފާނު ފޮނުއްވީ ރަޙްމަތެއްގެ ގޮތުގައެވެ. ހިދާޔަތަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.

މާތް ވެގެންވާ އިސްލާމްދީނައިގެން ވަޑައިގެންނެވި ކައުސާހިބާ މުޙައްމަދު (ޞޢވ)އަކީ ތަޤްވާވެރިންގެ އިމާމެވެ. އެންމެހައި އާދަމްގެ ދަރީންގެ މައްޗަށް މާތް ކުރައްވައި، ޚާލިޤްވަންތަ މާތް ﷲ ގެ ޙަޟްރަތުން ހޮއްވަވައި ޚިޔާރުކުރައްވައިފައިވާ ރަސޫލުކަމާއި ނަބީކަން ޚަތިމް ކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދު ލިބިގެންވާ މަތިވެރި މަޤާމުގެ ވެރި އަދި ޙައުޟޭ ކިޔުނު ފެން އާރުގެ ސާހިބާއެވެ. މަޙްޝަރުގެ މައިދާނަށް ޚަލްޤުތަކުން ފޮނުއްވި، މީސްތަކުން އަލުން ދިރުއްވޭ ދުވަހު އެބޭކަލަކަށް ޓަކައި އެންމެ ފުރަތަމަ ބިންގަނޑު ފެޅިގެންދާނީ އެކަލޭގެފާނަށެވެ. އަދި އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވި އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެވަޑައިގަންނަވާނީ ވެސް އެކަލޭގެފާނެވެ.

ކައުއިތުުރު މާތް ނަބިއްޔާ (ޞޢވ)އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އަދަބުތައުޘީމު އަދާ ކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނިގެންވާ ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

ރަސޫލާ (ޞޢވ)ގެ ތެދުމަގަށް ކުރުމާއި، ކުޑައިމީސް ބަސް ބުނެ ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަމެއްކަމަށް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ.

މާތް ﷲ ވަޙީ ކުރެއްވި ވަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން ﷲއާއި އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ!) ﷲ އެއުރެންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިއެވެ. އަދި އެކަލާނގެ އިހާނާތްތެރި އަޒާބު އެއުރެންނަށް ޓަކައި ތައްޔާރު ކުރެއްވިއެވެ.

މާތް ނަބިއްޔާއަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެކެވެ. ނަރަކަވަންތަވެރިއެކެވެ. މާތް ނަބިއްޔާ ދެކެ ލޯބިނުވާ މީހެއްގެ އީމާންތެރިކަން ފުރިހަމައެއް ނުވާނެތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!