އޭޝިއާ ދުނިޔެ

19 މަހަށްފަހު އިންޑިއާ ހުޅުވައިލައިފި: ހުރިހާ ގައުމަކުން މީހުންނަށް ދަތުރު ކުރެވޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދުން ފެށިގެން ޗާޓަރު ފުލައިޓްތަކުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަތުރުވެރިންނަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by WAMCO

19 މަހަށް ފަހު މިއަދު ފަތުރުވެރިންނަށް އިންޑިޔާ ހުޅުވައިލައިފައިވާއިރު އަންނަ ނޮވެމްބަރު މަހުގެ 15 އިންފެށިގެން ކޮމާޝަލް ފްލައިޓްތަކުގައި އިންޑިއާއަށް އެތެރެވާ ފަތުރު ވެރިންނަށް އެ ފުރުސަތު ވެސް ހުޅުވައިލާނެކަމަށް އޮފިޝަލުން ވިދާޅުވެއެެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން އިންޑިޔާގެ ބޯޑަރު ބަންދުކޮށް ޓްއަރިސްޓް ވިސާ ދޫކުރުން ހުއްޓައިލައިފައި ވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ފަތުރުވެރިންނަށް މިއަދުން ފެށިގެން އިންޑިއާ ހުޅުވައިލާނެކަން މިމަހުގެ ކުރީކޮޅު ވަނީ އިޢުލާންކޮށްފައެވެ. މި ނިންމުން ތަންފީޒު ކުރަން ފެށި ނަމަވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ އުސޫލުތަކަށް ވެސް ފުރިހަމަޔަށް ތަބާވާން ޖެހޭނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މި ނިންމުން ނިންމައިފައި ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުގެ މަންދޫބުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިސް ފަރާތްތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް އިންޑިއާގެ ބޯޑަރު ހުޅުވައިލުމަށް ލަފާ ލިބިގެން ދިއުމާ ގުޅިގެންނެވެ.

މިދިޔަ އޭޕްރިލް މަހު އިންޑިޔާގެ ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ވޭދަނަތަކުގެ ޖުމްލަ 4 ލައްކައަށް ވުރެ މައްޗަށް ދިޔަ ނަމަވެސް އެގައުމުގެ ކޮވިޑްގެ ހާލަތު ރަނގަޅުވެ މިހާރު ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ވޭދަނަތަކުގެ ޖުމްލަ ވަނީ 20 ހާހަށް މަދުވެފައެވެ. އިންޑިޔާގެ އާބާދީގެ 70 އިންސައްތަ މީހުން ވަނީ ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!