ނާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު ޢަޞްރު ނަމާދަށް ފަހު
ވ. އޮޅުވެލި ރިސޯޓު ކައިރީގައި އިއްޔެ ހިނގި ހިތާމަވެރި ކަނޑުމަތީގެ ހާދިސާގައި ނިޔާވި މ. ގްރީން ޕީކް މަރިޔަމް ނާހިދާ (33އ.)ގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ ޢަޞްރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ނާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މަސްޖިދުލް ތަޢާވުން (އަަސަހަރާ މިސްކިތު)ގައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނާހިދާގެ ހަށިގަނޑު މާލެ ގެނައީ މިއަދު ހެނދުނު 7:30 ހާއިރެވެ.
މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ، ޖެހި ރާޅަކާއެކު ކަނޑަށް ވިއްސައިގެން ފުރަތަމަ ދިޔައީ ނާހިދާއާއި އޭނާގެ ހަގު ދަރިފުޅެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު އުމުރުން ހަތަރު އަހަރުގެ އެ ކުޑަ ކުއްޖާ އަދިވެސް ނުފެނެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އެކަމަށް ޓަކައި އެމްއެންޑީއެފްއިން ރޭ ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ނާހިދާ ކަނޑުން ފެނުމާ އެކު ކ. ގުރައިދޫ ސިއްޙީ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އެ މަރުކަޒަށް ގެންދިޔައިރު ވެސް ނާހިދާ ވަނީ ނިޔާވެފަައި ކަމަށް މައުލޫމާތު ލިބެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون