ރިޕޯޓް

ކަނޑުމަތީގެ ހާދިސާގައި އިތުރު މަރެއް: ހޭލާނީ ކިތައް ފުރާނަ ދިޔުމުން؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޑިންގީއެއްގައި މީޙަކު ދަތުރުކުރަނީ.. ދެން އިމޭޖްސް

އަޅުގަނޑުމެންގެ ރާއްޖެ އުފެދިފައިވާ ގޮތުން މޫސުން ކިތަންމެ ގޯސް ވިޔަސް ކަނޑުމަތީގައި އުޅެން އަޅުގަނޑުމެންނަށް ބައެއް ހާލަތްތަކުގައި މަޖުބޫރުވެއެވެ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އަންގައިފައިވީ ނަމަވެސް ފުރާނެ އެއްޗެއް އޮތް ނަމަ ފުރައިގެން ގަދަ ކަނޑަށް ނުކުންނައިރު ދަތުރު ކުރާ އުޅަނދުގައި ސަލާމަތީކަންކަން ފުރިހަމަތޯ ބަލައިލާނެ މީހެއް ހަމަ ނުހުރެއޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

Ads by STELCO

ކަނޑުމަތީގެ ހާދިސާތައް ހިނގުން ރާއްޖޭގައި "އާއްމު" ކަމަށްވެއްޖެއެވެ. ނުރައްކާތެރި ހާދިސާތައް ހިނގަނީ މަދުންނެއް ކަމަކު، ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ކަނޑުމަތީގެ އެތައް ހާދިސާތަކެއް ހިނގައެވެ. ރައްކާތެރިވާނެ ގޮތްގޮތް ހުރެމެ ފަރުވާ ކުޑަކޮށްލެވޭ ކަމެކެވެ. މިހެން ދަންނަވަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި ގިނަ ބަޔަކު ނިޔާވުން، ފަރުވާ ކުޑައީތަ؟

ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި އެތައް ހާދިސާތަކެއްގައި އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެފައިވާއިރު ބައެއް ހާދިސާތަކުގައި އާއިލާތައް އެކީ ވެސް ވަކިވެފައިވާ ކަމީ ހިތާމަވެރިކަމެކެވެ.

މިގޮތުން އިއްޔެ ހަވީރު ކަނޑުމަތީގައި ހިނގި ހާދިސާގައި އެކަކު މަރުވެ ކުޑަކުއްޖަކު ވަނީ ގެއްލިފައެވެ. އަދި މީގެ 3 ހަފްތާ ކުރިން ވެސް ވަނީ ސަފާރީއެއް ދިޔަވެ ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެފައެވެ. ކަނޑުމަތީގައި މި ފަހުން ހިނގައި ދިޔަ ހާދިސާތަކަށް ބަލާއިރު ހދ. ނޮޅިވަރަންފަރާއި، ޖެހިގެން އޮންނަ ހަނިމާދުއަށް ދަތުރު ކުރަމުން ދަނިކޮށް 2019ވަނަ އަހަރުގެ އޯގަސްޓު 29 ވަނަ ދުވަހު ލޯންޗެއް ބަނޑުން ޖަހައިލައިއި ހިނގި ހާދިސާއަކީ މުޅި ގައުމުން ރޮއްވައިލި ހާދިސާއެކެވެ. އެހާދިސާގައި 5 މީހުން ނިޔާވި އިރު ނިޔާވި 4 މީހުންނަކީ އެއް އާއިލާއެއްގެ 4 މީހުންނެވެ. މީގެ ތެރޭގައި 3 އަހަރުގެ ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމައާއި މާމައާއި ކާފަ ވެސް ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ދުވާލަކު އެތައް ދަތުރެއް ކުރެވޭ އިރު ކަނޑުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ނުވަތަ އެކަށީގެންވާ ސަމާލުކަމެއް ނުދެވޭކަމީ ހަގީގަތެކެެވެ. ހަމަ ކުޑަ ކުޑަ މިސާލެއްގެ ވާހަކަ މިތާ ހިއްސާކޮށްލާނަމެވެ.

މަތީގައި އަޅުގަނޑު ބުނެފައިވާ ހާދިސާ (2019 ވަނަ އަހަރު ކަނޑުވެގެން 5 މީހުން މަރުވި ހާދިސާ)އާ އެކު ހުރިހާ މުއައްސަސާއެއް އެލާޓަށް އައެވެ. ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރުގެ "ސީޓުގެ ދަށުގައި" ހުރި ލައިފް ޖެކެޓްތައް އުޅަނދަށް އަރާ ޕަސިންޖަރުންގެ ގައިގައި އަޅުވައިގެން ނޫނީ ފަޅުން ނުނިކުންނަން އިސްކަން ދިނެވެ. އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައި ހުރިތޯ ބަލަން މުއައްސަސާތަކުން ވެސް ތެޅިގަތީ "ދެ ފަޔަށް ހިނި އެރީމާ" ތެޅި ގަންނަހެންނެވެ. ކަނޑު ދަތުރު ކުރާ އިރު ލައިފް ޖެކެޓް އެޅުން ލާޒިމް ކުރުމަށް ގަވާއިދުގައި ހިމަނައި އެކަން ގެޒެޓް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަނީ ފޮނުވައިފައެވެ.

ކަން މިހެން ހުރި ނަމަވެސް ކަނޑުމަތީގެ އެހާދިސާގެ މަތިން ދިވެހިން ހަނދާން ނެތޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އުޅަނދު ފުރުމުގެ ކުރިން ބަލަންޖެހޭ ސަލާމަތީ ކަންކަން ނުބެލި އެއްކަލަ ލައިފް ޖެކެޓްތައް "ސީޓުގެ ދަށަށް" ވަދެއްޖެއެވެ. އެންމެ ކުޑަމިނުން ލައިފް ޖެކެޓު އެޅުން ލާޒިމް ކުރަން ގަވާއިދަށް ބަދަލު ގެނެސް އެކަން ގެޒެޓް ކުރަން އެނގި އެންގުން ވެސް ދެ އަހަރު ވީ އިރު ވެސް "ސީޓު ދަށުން ނުނެގި" އަނެއްކާ ވެސް ކުރިމަތި ލާން މިޖެހުނީ ހިތާމައިގެ ކޮޅުނެތް ކޮޅުގެ ހިތާމައާއެވެ.

އެންމެ ފުރަތަމަ ފަރުދީ ޒިންމާ

ކަނޑުމަތީގެ ނުރައްކާތެރި އެތައް ހާދިސާއަކާ ކޮންމެ އަހަރަކު އަހަރުމެން ކުރިމަތިލާން ޖެހޭއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ހަގީގަތުގައި އެއްވެސް ފިޔަވަޅެއް ނޭޅޭކަމީ ގަބޫލު ކުރަން ޖެހޭކަމެކެވެ. ހާދިސާއެއް ދިމާވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި "ރައްކާވެ ތިބިއްޔާ ދަތުރު" ކުރިއަށް ނެރެ އެދައްކާ ހިތްވަރު "ބޮނޑު ނަގުލަށް" ދިޔުމަކީ އަހަރުމެން ދިވެހިން ރަނގަޅު ކުރަން ޖެހޭ ކަމެކެވެ.

ދަތުރަށް އެރުމުގެ ކުރިން މިއަދަކީ ކަނޑުމަޑު ދުވަހެކޭ ލައިފް ޖެކެޓް ނޭޅިއަސް ރަނގަޅުވާނޭ ހިތަށް އަރާއެރުން ދޫކޮށްލައި ފަރުދީ ޒިންމާ އަދާކުރުމަށް އިސްކަންދޭންވީއެވެ. ކޮންމެކަމެއް ސަރުކާރުން ލާޒިމް ކޮށްގެން ކުރާ އުސޫލު ދޫކޮށްލައި ފަރުދީ ޒިންމާ އިސްކުރުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެ އެތައް ފުރާނައެއް ސަލާމަތް ކުރެވޭނެ ގޮތެކެވެ.

ދަތުރުު ކިތަންމެ ކުރަސް ފުރާނަ މުހިންމެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވެ ތިމާގެ އަމިއްލަ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދޭންވީއެވެ. ތިމާއާއި ލޯބިވާ މީހުންގެ ފުރާނައަށް ވިސްނަންވީ ސަރުކާރުން ލާޒިމް ކުރީމައެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!