ދުނިޔެ ޔޫރަޕް

ލަ ޕަލްމާގެ އަލިފާން ފަރުބަދަ: ހުއްޓުމެއް ނެތި ދިޔާ އަލިފާން ފައިބާތާ މަހެއް ވަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްޕޭންގެ ކެނެރީ އައިލެންޑްގެ ލަ ޕަލްމާގެ އަލިފާން ފަރުބަދަ ގޮވައި ދިޔާ އަލިފާން ފައިބާތާ މަހެއްވާން ކައިރިވެފައިވާ އިރު އަދިވެސް މެދުކެނޑުމެއް ނެތި އަލިފާން ފައިބަމުން އެބަދެއެވެ.

Ads by WAMCO

އެ ފަރުބަދައިން އަލިފާން ފައިބަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. މިއަލިފާންގަނޑު މިހާރު 742 ހެކްޓަރަށް ވަނީ ފެތުރިފައެވެ. އަދި މިހާތަނަށް 2000 ގާތްކުރާ އަދަދަކަށް އިމާރާތް ވަނީ އަނދައިފައެވެ.

އަލިފާން ފަރުބަދައިން ފައިބަމުންދާ ދިޔާ އަލިފާންގަނޑު ހުއްޓުމެއް ނެތި އަދިވެސް ފައިބަމުން ދާއިރު އަލިފާން ފޭބުން ހުއްޓޭނެ ދުވަހެއް އަންދާޒާކުރަން ވެސް ނޭނގޭ ކަމަށް ކެނެރީ އައިލެންޑްސްގެ ރައީސް އޭޖަލް ވިކްޓާ ޓޮރޭޒް ވަނީ ވިދާޅުވެފައެވެ.

ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް ހަތް ހާހެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ފަރުބަދައިން ވައިގެތެރެއަށް އަރަމުންދާ އަޅީގެ ސަބަބުން އެސަރަހައްދުގެ ވައި ނުސާފުވެ ލަ ޕަލްމާއަށް ދިޔުމަށް ހަމަޖެހިފައި ފްލަައިޓްތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ފެތުރެމުންދާ އަލިފާންގަނޑުގެ ދަށުވެ އެތައް ސަތޭކަ ގެއަކާއި، ވިޔަފާރިތަކާއި ދަނޑުބިންތައް ވެސް ވަނީ އަނދައި އަޅިއަށް ވެފައެވެ. އަދިވެސް ބޮޑަށް އަލިފާންގަނޑު ފެތުރެމުން ދާއިރު މި އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ދިޔާ އަލިފާނުގެ ސަބަބުން 370 އޭކަރުގެ ދަނޑުބިންތައް ހަލާކުވެފައި ވެއެވެ. ލަ ޕަލްމާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ކަމުގައިވާ ފަތްކޭލު ދަނޑުތަކެއް ވެސް ހަލާކުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!