ޤިޔާމަތްދުވަހުގައި ތިމާއަށް ޝަފާޢަތްތެރިވާނެ ހަކަމެއް
އެއްވެސް މީހަކާ ގުޅޭ ގޮތުން ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި ނަމަ އެމީހެއްގެ ދިފާޢުގައި ވަކަލާތުކުރާނެ ވަކީލުން ހޯދާނެއެވެ. ހެއްކާއި ޤަރީނާ ހޯދައި ޖަލު ހުކުމަކުން ނުވަތަ އެ ނޫން ވެސް އަދަބަކުން ސަލާމާތްވާން އޮތް ކޮންމެ ކަމެއް ކުރާނެކަމީ އާންމު އާދައެވެ. އުޞޫލެވެ. ނަމަވެސް ތިމާ މަރުވުމަށް ފަހު ، އަދި ބަރުޒަޚްގެ ޢާލަމަށް ފަހު ހިސާބާއި ކިތާބު ބައްލަވައި ، އެންމެ ޢަދުލުވެރި އިލާހުގެ ދަރުބާރުގައި ތިމާ ހުއްޓި ހުންނަން ޖެހޭ ކަމާއި އެ ދުވަހު ތިމާގެ ސަލާމަތަށް އެދި ވަކާލާތު ކުރާނެ ކަންތައްތަކެއް ހޯދުމާ މެދު ވިސްނައި ފިކުރު ކުރަނީ ކިތައްކިތައް މީހުން ހެއްޔެވެ.
އެ ދުވަހަކީ ތިމާ ކުޅަ ޢަމަލަކުން މެނުވީ ތިމާއަށް ސަލާމަތްކަމެއް ނެތް ދުވަހެކެވެ. މާލަކުން މުދަލަކުން ނުވަތަ ގާތް ތިމާގެ މީހެއްގެ ކިބަޔަކުން ހޯދޭނެ މޮޅެއް އެ ދުވަހަކު ނޯންނާނެއެވެ. ނަފްސީ ނަފްސީގެ ދުވަހުގެ ތިމާއަށް އެދި ޝަފާޢަތްތެރިވާނީ މި ދަންނަވާ ފަދަ ކަންކަމުންނެވެ.
މަދީނާގައި ނިޔާވުން
މަދީނާގައި ނިޔާވެއްޖެ މުސްލިމަކަށް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތްތެރިކަން ލިބޭނެކަން އެކަލޭގެފާނުގެ ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ.
ޤުރުއާން ކިޔެވުން
މަދީނާގައި ނިޔާވުމަކީ އެންމެންނަށް ލިބޭނޭ ނިޢުމަތެއް ނޫނެވެ. ނަމަވެސް ހަމަ ކޮންމެ މީހަކަށް ވެސް ލިބިފައި އޮތް ފަހި ފުރުސަތަކީ ޤުރުއާން ކިޔަވައި އެއަށް ޢަމަލު ކުރުމެވެ. އެހެނީ ޤުރުއާނުގެ އަހުލުވެރީންނަށް އެ ޤުރުއާން ޝަފާޢަތްތެރިވާނެއެވެ. ޚާއްޞަކޮށް ސޫރަތުލްބަޤަރާއާއި ސޫރަތުލް އާލްއިމްރާންއަށް ޚާއްޞަކަމެއް ދެވިފައިވެއެވެ.
މި ދެ ސޫރަތް ކިޔެވުމުގައި އާދަވެ ހެޔޮ ގޮތުގައި ދުވަސްތައް ހޭދަކޮށްފައި ވާނަމަ ދެ ވިލާގަނޑުގެ ސިފައިގައި ބައެއް ރިވާޔަތުގައި ވާ ގޮތުގައި ދެ ދޫނީގެ ސިފައިގައި އެ ދެ ސޫރަތް ޙާޟިރުވެ ޝަފާޢަތަށް އެދި ދަންނަވާނެކަމަށް ޙަދީޘްގައި އައިސްފައި ވެއެވެ.
ރޯދަ ހިފުން
ފަރުޟު ރޯދަ އަދާކޮށް ސުންނަތް ރޯދަ ހިފުމުގައި އާދަކޮށްފި މީހާއަށް އުފާވެރިކަން ހުއްޓެވެ. ތިބާގެ ދިފާޢުގައި ނިކުންނާނެ ހުއްޖަތެއް ތިބާ ތައްޔާރުކޮށްފީމުއެވެ. ތިބާ ހިފި ރޯދަ ތިބާއަށް ޓަކައި ޝަފާޢަތަށް އެދި ދަންނަވާނެއެވެ.
ސުންނަތް ނަމާދުކުރުން
ފަރުޟު ނަމާދު ޤާއިމްކޮށް ސުންނަތް ނަމާދު ކުރުމުގައި ދެމިހުރި މީހާއަށް މަރުޙަބާއެވެ. ﷲގެ ޙަޟްރަތަށް ކުއްތަންވެ އެ އިލާހަށް ރުކޫޢުއާއި ސަޖިދަކޮށް އެ އަޅުކަންތަކަކީ ތިބާއަށް ޓަކައި ޝަފާޢަތްތެރިވާނެ ކަންކަމެވެ.
ބަންގިއަށް ފަހު ދުޢާކުރުން
ބަންގިއަށް ފަހު ، ޞައްޙަ ދުޢާ ދެންނެވުމަކީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަފާޢަތް ލިބެން އޮތް ފަހި ފުރުސަތެކެވެ.
ހެޔޮލަފާ ޞާލިޙް ރަޙުމަތްތެރިން އިޚްތިޔާރުކުރުން
ހެޔޮ ލަފާ ކިޔަމަންތެރި ބައެއް އަޅުން ސުވަރުގެ ވަންނަ ހިނދު ، އެ މީހުންނާ އެކު ދުނިޔޭގައި އުޅުނު އެކުވެރީން ނުފެނި އެކަމުގެ ހިތާމަ ކުރާނެތެވެ. އަދި އެއުރެން ﷲ ތަޢާލާއަށް ދަންނަވާނެއެވެ. ޔާﷲއެވެ. މިވެނި މީހަކު ތިމަންނާއާ އެކީ ރޯދަ ހިފައި ޒަކާތްދީ ހައްޖުވެ އުޅުނެވެ. ތިމަންނާއަކަށް އެމީހާއެއް ނުފެނެއެވެ. އެހިނދު ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. އޭ ތިމަން އިލާހުގެ އަޅާއެވެ. އޭނާ ސުވަރުގެ ގެންނާށެވެ.