ރައީސް ޞާލިހްއާއި ރައީސް ނަޝީދަށް އެއްގަލަކަށް އެރެނީ އަނިޔާވެރިކަން އިސްކުރަން: މަލީހް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްގަލަކަށް އެރެނީ އެންމެ ކަމަކަށް ކަމަށާއި އެއީ އަނިޔާވެރިކަން އިސް ކުރުމަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެެވެ.
މަލީހް ވިދާޅުވީ ޕީޕީއެމާއި ޤައުމުދެކެ ލޯބިވާ ރައްޔިތުން އެމްޑީޕީގެ އަނިޔާވެރިކަން ނިންމާނެ ކަމަށާއި އެކަން ކުރުން މަޖުބޫރުކަމަށެވެ.
"ރައީސް އިބޫއާއި ރައީސް ނަޝީދަށް އެއްބަސްވެ އެއްގަލަކަށް މިހާރު އެރެނީ އެންމެ ކަމަކު. އެއީ އަނިޔާވެރިކަން އިސްކުރުމަށް. ޕީޕީއެމާއި ޤައުމުދެކެ ލޯބިވާ ރައްޔިތުން އެމްޑީޕީގެ އަނިޔާވެރިކަން ނިންމާނެ. އެކަން ކުރުން މަޖުބޫރު. ރައީސް ޔާމީން ހުންނަވަންޖެހޭނީ މިނިވަނެއްގެ ގޮތުގައި" މަލީހް ވިދާޅުވިއެވެ.
މިސަރުކާރުގެ ކުރީކޮޅުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މިނިސްޓަރުކަމުން ވަކި ކުރެއްވުމުން އިދިކޮޅާ ގުޅި ވަޑައިގެން މަލީޙް ގެންދަވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ.
މިގޮތުން މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށާއި ރައްޔިތުންނަށް އެއްވެސް ހިދުމަތެއް ކޮށްނުދޭ ސަރުކާރެއް ކަމަށް މަލީހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީން ޖަލަށް ލައިފައިވަނީ ނުހައްގުން ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް މަލީހު ދަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ.