ޚަބަރު ސަރުކާރު

އެކްސްޕޯ 2020: ރައީސްގެ ދެކަނބަލުން ފަލަސްޠީނާއި، ސަޢޫދީގެ ޕެވިލިއަނަށް ޒިޔާރަތްކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއާ ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފިއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސްއެވެ.

އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ އެކި ކަންކަން ދެނެގަނެ އިޙްޞާސްކޮށްލެވޭ ފަދަ ގޮތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ފަލަސްތީނާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތް ބަދަލުކޮށް، މުޅިން އައު ނަޒަރިއްޔާއަކުން އެޤައުމާ މެދު ދުށުމަށް މަގުފަހިކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ޒިޔާރަތްކުރެއްވި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަކީ ޔޫ.އޭ.އީގެ ޕެވިލިއަންއަށް ފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަންއެވެ. އެކްސްޕޯގެ އޮޕަޓުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13059 އަކަމީޓަރު ހުރެއެވެ. އެތަނުގެ މޫނުމަތި ތައްޔާރުކޮށްފައި ވަނީ އެ ޤައުމުގެ ރަސްކަމާ ގުޅިފައިވާ ކަންކަމާ އަދި އެޤައުމުގެ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ އަށަގަނެފައިވާ މެހުމާންދާރީ އަދާކުރުމުގެ ރީތި އާދަތައް ފަދަ އެޤައުމަށް ޚާއްޞަ ގިނަ ކަންތައްތަކެއް ދައްކުވައިދޭ ގޮތަށެވެ.

ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ"އެވެ. އަދި މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވިކަމާއި، އީޖާދީކަން އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. ހަ މަހުގެ މުއްދަތައް ކުރިޔަށްދާނެ މި އެކްސްޕޯގައި ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!