ދީން

ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސް މީހުންގެ ގޭތެރެ ބެލުމަކީ ދަށު ދަރަޖައިގެ ޢަމަލެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ މަގުމަތީގެ އަދަބުތަކުގެ މައްޗަށެވެ. އެގޮތުން އަޚްލާޤީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭކަން ޚުތުބާގައި ފާހަގަ ކުރައްވައިފައިވެއެވެ.

މަގުމައްޗަށް ނުކުމެ، ހިނގާބިނގާވެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއް ބަޔަކާ ގުޅި ލާމެހިގެންނެވެ. އެހެންކަމުން ހިނގާ މަގުތަކަށް ވެސް ޙައްޤުތަކެއް ކަނޑައެޅިގެންވެއެވެ. އެ ޙައްޤުތައް ރައްކާތެރި ކުރެވެނީ، އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ ޢަމަލުތައް ބަހައްޓާ ގޮތަކުންނެވެ. އަދި މަގުމަތީގެ އަދަބުތަކާއި ޙައްޤުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދެއެވެ.

ރަސޫލާ (ޞޢވ) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިޔަބައިމީހުން މަގުމަތީގައި އިށީނދެ ތިބުމާ ދުރުހެލިވާށެވެ!
ސަހާބީން ދެންނެވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. އެ ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯވެއެވެ! އަޅުގަނޑުމެން މަގުމަތީގައި މި ތިބެނީ ، އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކާށެވެ!"
އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.
އެހެންވިއްޔާމު މަގަށް އޭގެ ޙައްޤު ދޭށެވެ!
ސަޙާބީން ދެންނެވިއެވެ.
"މަގުމަތީގެ ޙައްޤުތަކަކީ ކޮބައިތޯއެވެ؟"
ޙަދީޘް ކުރެއްވިއެވެ.
އެއީ ބެލުންތައް ތިރިކުރުމާއި، މީސްތަކުންނަށް އުނދަގޫ ނުކުރުމާއި، ސަލާމަށް ޖަވާބު ދިނުމާއި، ހެޔޮކަންތަކަށް އަމުރު ކުރުމާއި، މުންކަރާތްތައް ނަހީ ކުރުމެވެ.

މަގުމަތީގައި ތިބޭ އިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެ ތަންތަނުގައި ހުރީ ކޮން އެއްޗެއްތޯއާއި އުޅެނީ ކޮން ބައެއްތޯ ބެލުމަކީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ.

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރުކުރައްވާށެވެ!

މީގެ އިތުރުން މާތް ﷲ ވަޙީ ކުރައްވާފައިވާ އެހެން އާޔަތެއްގެ މާނައިގައިވަނީ:

މުއުމިނު އަންހެނުންނަށް، އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރުކުރައްވާށެވެ!

ޤިޔާމަތް ދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު ސުވާލު ކުރެވޭނެއެވެ.

މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ވިޔަސް، ކުރާ ޢަމަލަކުން ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ ބަލާ ބެލުމަކުން ވިޔަސްމެއެވެ.

މަގުމަތީގެ ޙައްޤު އަދާކުރުމުގެ ތެރޭގައި މަގުން ހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި ގޯނާ ހުއްޓުވުމާއި މާރާމާރީގެ ޢަމަލުތައް ހުއްޓުވުން ވެސް ހިމެނެއެވެ.

މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޢަމަލު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އޭގެ ތެރޭގައި ވިއްސާރަ ދުވަސްދުވަހު މީހުންގެ ގަޔަށް ފެން ބުރައިގެން ދާނެ ގޮތަށް، އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި، މަގު ހުރަސް ކުރަން ބޭނުންވާ މީހާއަށް ތަން ނުދީ އުޅަނދު ދުއްވުމާއި، ސިގުނަލް ނުދީ ޤަވާއިދާ ޚިލާފަށް ވާތް ފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތް ހަދައިގެން ދުއްވުން ވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!