ހައްގު ނޫން ފަރާތްތަކަށް ކާބޯތަކެތީގެ ސަބްސިޑީ ދެމުންދާތީ އެއީ ބޭކާރު ހަރަދެއްކަމަށާއި އެ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސުން މިފަދައިން ބުނީ މިއަދު އާންމުކުރި 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފްސީލީ ރިޕޯޓުގައެވެ. މިހާރު ކާބޯތަކެތީގެ ސަބްސިޑީ ދޭ އުސޫލު އޮންނަ ގޮތުން ވަކި ބަޔަކު އިސްތިސްނާ ނުވާނެހެން އެންމެންނަށް ދަނީ އެ ސަބްސިޑީ ދެމުންނެވެ. އެގޮތުން ތަނަވަސް ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކާއި ފަތުރުވެރިން ހިމެނޭހެން، ރާއްޖޭގައި ކާޑުގެ ބާވަތްތައް ގަންނަ ހުރިހާ ފަރާތްތަކަށް ވެސް ކާޑުގެ ސަބްސިޑީ އެއް ހަމައެއްގައި ލިބެއެވެ.
ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ސަބްސިޑީ ދެވެނީ ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކާޑުގެ ބާވަތްތަކަށެވެ. މިއީ އެސްޓީއޯއިން ވިއްކާ ހަނޑޫ، ހަކުރު އަދި ފުށް ދައުލަތުން އަންގާ ކޮންޓްރޯލްޑް އަގެއްގައި ވިއްކާތީ އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ދައުލަތުން ދޭ ސަބްސިޑީއެކެވެ.
މި ސަބްސިޑީ ދިނުމަށް ކޮންމެ އަހަރަކު ދައުލަތުން 350 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރެއެވެ. އޭގެ ތެރެއިން 99.9 އިންސައްތަ ދެނީ އެސްޓީއޯއަށެވެ.
ސަބްސިޑީ ދިނުމުގެ އުސޫލުގައި ހުރި މައްސަލަތައް ފާހަގަކޮށް ބަޖެޓު ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018ވަނަ އަހަރު މި ސަބްސިޑީއަށް ދައުލަތުން 311.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރު 352.6 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ. ކޮވިޑުގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓުމާ ގުޅިގެން މި އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ 2020ވަނަ އަހަރު ސަބްސިޑިގެ ގޮތުގައި ހަރަދުވީ 210.6 މިލިއަން ރުފިޔާއެވެ.
ފިނޭންސުން ބުނީ 2019ވަނަ އަހަރު ހެދި ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ (ހަޔަސް)އިން ދައްކާ ގޮތުގައި ގޭބީސީތަކުން ބޭނުންކުރަނީ އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ މަދު ބައެއް ކަމަށެވެ. އެގޮތުން، އެސްޓީއޯއިން 2019 ވަނަ އަހަރު ވިއްކި ހަނޑުލުގެ 57.2 އިންސައްތަ އަދި ފުށުގެ 49.6 އިންސައްތަ ގޭބިސީތަކުން ބޭނުންކުރިއިރު، ގޭބިސީތަކުން ބޭނުންކޮށްފައި ވަނީ އެސްޓީއޯއިން ވިއްކި ހަކުރުގެ އެންމެ 31.7 އިންސައްތައެވެ.
ފިނޭންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެހެން ގައުމުތަކުން ވެސް މީގެ ކުރިން ކާބޯތަކެތީގެ ސަބްސިޑީ ދެމުންގެންދިޔައީ އިންޑައިރެކްޓް ސަބްސިޑީއެއް ގޮތުގައި ނަމަވެސް، ގިނަ ގައުމުތަކުން މިހާރު ވަނީ ސަބްސިޑީދޭ އުސޫލު ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކޮށްފައެވެ. މިގޮތުން ސަބްސިޑީ ދިނުމުގައި ފުޑް ޓްރާންސްފާ، ވައުޗާ އަދި ކޭޝް ޓްރާންސްފާ ދިނުން ފަދަ އުސޫލުތައް ބޭނުންކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެއްވެސް ގައުމެއްގައި ސަބްސިޑީ ދޭ ބާވަތްތަކުގެ ތެރޭގައި ހަކުރު ނުހިމަނާކަން ވަނީ ފާހަގަކޮށްފައެވެ.
ފިނޭންސުން ވަނީ އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ދޭ އިންޑައިރެކްޓް ސަބްސިޑީތައް ދިނުމުގައި އިސްރާފުކުރުން މަދުކުރަން ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ނުވަތަ ފޯރުކޮށްދޭ ތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުންދޭ ސަބުސިޓީ ދިވެހިއައިޑީ ކާޑްއޮތްފަރާތްތަކަށް ލިބޭގޮތައް ބަދަލުކޮށް އެހެންގައުމުތަކުންވެސް މިފަދަކަންކަމަށް އަމަލުކުރާގޮތްބަލައި އެކަންރަނގަޅުކުތުމަށް ސަތުކާރަށްގޮވާލަން މިހާރު އަހަރެމެން ދިވެހިރައްޔިތުންގެ ޓެކްސްފަެިސާއިން ޓެކްސްނުދައްކާ ގަވާއިދާޚިލާފަށް އުޅޭމީހުނާއި އަހަރެމެން ދިވެހިރައްުިތުން އެއްވަރުވުމީ މިކަންކުރާގޮތްކަމުނުދާ ކަމުގެހެއްކެއް މިކަމަކީ މިހާރުކޮށްމެހެންކުރަންޖެހިފައިވާކަމެއް….