ޚަބަރު ސިޔާސީ

އޯޑިއޯގައި އިވެނީ ފަނޑިޔާރުންގެ އަޑުކަން ކަށަވަރުވެއްޖެ: އިދިކޮޅު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކުރީގެ ރައީސް އިބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އަޑުކަމަށް ބުނެ ލީކުވި އޯޑިއޯއާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިއްޔެ ނެރުނު ބަޔާން ގަބޫލު ނުކުރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

Ads by STELCO

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފަންޑިޔާރުންގެ އޯޑިއޯ ލީކުވިތާ ދެގަޑިއެއްހާއިރު ތެރޭގައި ޖޭއެސްސީން އެ އޯޑިއޯއިން އިވެނީ ފަނޑިޔާރުންގެ އަޑު ނޫންކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ތަހުގީގެއް ނުކޮށް އެގޮތަށް ނިންމީ ކިހިނެއް ކޮންކޮން ކަންތައްތަކަކަށް ބެލުމަށް ފަހުގައިތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޖޭއެސްސީއަކީ އެފަދަ އޯޑިއޯއެއްގެ ތެދުދޮގު ދެނެގަތުމުގެ ގާބިލުކަން ހުރި މުއައްސަސާއެއް ނޫން ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާއާ ބައްދަލުކޮށް އޯޑިއޯއާ ގުޅިގެން ވާހަކަ ދެއްކުމުން އެފަދަ އޯޑިއޯއެއްގެ ސައްހަކަން ދެނެގަތުމުގެ ގާބިލުކަން ފުލުހުންގެ ވެސް ނެތްކަން އެނގިގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން އޯޑިއޯގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތެރޭގައި ކުރީގައި މަސައްކަތްކުރެއްވި ބޭފުޅަކު މެދުވެރިކޮށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންވީމަ ކުއްލިއަކަށް މި ބަޔާން ނެރުނު ނެރުން މީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިއްޔެ އަޅުގަނޑުމެން ދެއްކި ވާހަކައާ ގުޅިގެން އެއަށް ރައްދު ދިނުމުގެ ގޮތުން ވަރަށް ތާކުންތާކު ނުޖެހޭ ގޮތަކަށް ކޮށްފަ އޮތްކަމެއް މިއީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖޭއެސްސީގެ ބަޔާން ނެރުމާ އެކު އޯޑިއޯގައި އިވެނީ ފަނޑިޔާރުންގެ އަޑުކަން މިހާރު ކަށަވަރުވެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެބަޔާނުގައި ނުސީދާކޮށް އެކަން ފާހަގަކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޯޑިއޯ ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރި ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށާއި އޯޑިއޯގެ ސައްހަކަން ކަށަވަރު ކުރަންވާނީ ބައިނަލްއަގުވާމީ ތަހުގީގީ ޓީމަކާ ހަވާލުކޮށްގެންކަމަށް އިދިކޮޅުން ދެކޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ކަންބޮޑުވުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ހިއްސާކުރެއްވި ކަމަށާއި އެމަގުން ކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީޖީ ދެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެ ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވާހެން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި އޯޑިއޯގެ ސައްހަކަން ކަށަވަރުކުރަން އަމިއްލަ ފަރާތަކާ އެކު ފުލުހުން ދޮޅު މަސްދުވަހުގެ ކޮންޓްރެކްޓެއް ހަދާފައިވާކަމުގެ މައުލޫމާތު ދިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާ ދިގު ދެމިގެން ދާގޮތަށް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ނިންމުމަކީ ރައީސް ޔާމީންގެ ހައްގަށް އަރައިގަތުންކަމަށް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން (ފުލުހުން) އަޅުގަނޑުމެން ކައިރީގަ އެއްސެވި ކޮބައިހޭ ތިބޭފުޅުންގެ އެދިލެއްވުމަކީ. އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ބޭނުން ވަނީ ބައިނަލްއަގުވާމީ ފަރާތަކާ ވާހަކަ ދައްކައިގެން ފޮރެންސިކް ތަހުލީލު ކުރުމުގެ ގާބިލުކަން ހުރި ފަރާތަކާ ހަވާލުކޮށްގެން މިކަން ކުރުމޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ދުވަހުން އެދުވަހަށް ތަހުލީލު ކުރުމުގެ މަސައްކަތް ފައްޓާނެކަމުގެ ޔަގީންކަން ފުލުހުން ދިން ނަމަވެސް އޭގެ ދެދުވަސް ފަހުން ފުލުހުން ވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށާއި އިތުރު 10 ދުވަސް ބޭނުންވާކަމަށް ބުނިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ފަހުން ހުރިހާ ކަމެއް ތައްޔާރުވެ ބަޖެޓު ވެސް ލިބިފައިވާކަން އެންގި ކަމަށާއި ފޮރިން މިނިސްޓްރީން ޓިކެޓުގެ ކަންކަން އިންތިޒާމު ކުރިހާ އަވަހަށް ތަހުލީލުތައް ފެށޭނެކަމަށް ފުލުހުން ބުނިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ފުލުހުންގެ އޮފިސަރަކު އޯޑިއޯ ހިފައިގެން ބޭރު ގައުމަކަށް ދާން އުޅޭކަމަށް ރޭގެ ވަގުތެއްގައި މައުލޫމާތު ލިބުނު ކަމަށާއި އެހެން އެކަން އޮއްވައި ކުއްލިއަކަށް އޯޑިއޯއާ ގުޅޭގޮތުން ޖޭއެސްސީން ބަޔާން ނެރުނީ ކޮން ހަމައެއްގެ މަތިންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

"ކޮބައިތޯ ބޭރުގެ ފަރާތަކާ ހަވާލުކޮށްގެން ކުރި ތަހުލީލުގެ ނަތީޖާއަކީ؟ އެކަން އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ. އެކަން ދިވެހި ރައްޔިތުންނަށް އެނގެން އެބަ ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭ ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ދައުރުވި އޯޑިއޯތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އޯޑިއޯއާ އެ މީހުންގެ އަޑު ދިމާނުވާ ކަމަށެވެ. ބަޔާނުގައި ބުނީ ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!