ދުނިޔެ

އީރާނުން ނިއުކުލިއާގެ މަޝްވަރާތައް އަލުން ފަށަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ނިއުކުލިއާގެ މަޝްވަރާތައް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

Ads by Sosun Fihaara

އީރާނުން ބުނީ މި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މި މަޝްވަރާތައް ފަށަން އެގައުމުން ތައްޔާރުވަމުން އަންނަކަމަށެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އަލީ ބަޙާރީ ކަނީ ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ތާރީހް ކަނޑައަޅައިފައި ވަނީ ޔޫރަޕިއަން ޔޫނިއަނުގެ މީޑިއޭޓަރ އެންރިކް މޯރާއާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރުމަށް ފަހުއެވެ.

އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ނިއުކުލިއަރ މަޝްވަރާތައް 6 ބުރެއްގެ މަތިން ކުރިއަށް ގެންދާނެކަމަށާއި އެ ގައުމުން މަޝްވަރާ ކުރާނެ ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، ޖަރުމަން އަދި ޔޫއެސް ވެސް ހިމެނެއެވެ. އަދި މި ބައްދަލުވުމުގައި އެމެރިކާއިން ވެސް ނުރަސްމީކޮށް ބައިވެރިވާނެ ކަމަށާއި މި މަޝްވަރާތައް އެއްކޮށް ނިމޭނީ ޖޫން މަހާ ހިސާބުން ކަމަށް ވެސް ރިޕޯޓްތަައް ބުނެއެވެ.

މި މަޝްވަރާ ބަައްދަލުވުންތަކުގައި ޔޫރަޕިއަން ޔޫނިއަން ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލްގެ ފަރާތުން ޗެއަރ ކުރައްވާނީ އެންރިކް މޯރާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އޭޕްރީލް މަހު ވެސް ތެހެރާންއާއި ދުނިޔޭގެ އެންމެ ބޮޑު 6ބާރާ އެކު މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް މި މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!