ރަސްފަރީ ފަރަށް ގެއްލުން ވެގެން ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފަށް

ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި އެ ފަރަށް ގެއްލުން ލިބުމުގެ ސަބަބުން އެ އާގު ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފު ކޮށްފިއެވެ.
"ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ އާގުބޯޓު ރަސްފަރީގެ ފަރަށް އެރީ އޮގަސްޓް މަހުގެ 19ވަނަ ދުވަހުގައެވެ.
ރަސްފަރީ ފަރަށް ލިބުނު ގެއްލުންތައް ބަލަން އީޕީއޭއިން ސާވޭއެއް ވެސް ހެދިއެވެ. އެ ސާވޭއަށް ފަހު އީޕީއޭއިން ނިންމީ މިފަދަ މައްސަލަތަކުގައި ކުރެވެން އޮންނަ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާ 100 މިލިއަން ރުފިޔާއިން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާށެވެ.
އެނގިފައިވާ ގޮތުގައި އީޕީއޭގެ އެ ނިންމުން އިސްތިއުނާފު ކުރަން ބޯޓުގެ ވެރިފަރާތުން މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓަރަށް ހުށަހަޅައިފައެވެ.
އެ ނިންމުން އިސްތިއުނާފު ކުރަން މިނިސްޓަރަށް ހުށަހަޅައިފައި ވަނީ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭއިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އެންވަޔަރަމަންޓް މިނިސްޓަރަށް އޮތުމުންނެވެ.