ރައީސް ސާބިތުކޮށްދެއްވީ މަޑުމައިތިރިކަން އިސްކޮށް، ޤައުމު ކުރިއަށް ގެންދެވޭނެކަން: އިމްރާން
                                                    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ސާބިތުކޮށްދެއްވީ މަޑުމައިތިރިކަން އިސްކޮށް، ޤައުމު ކުރިއަށް ގެންދެވޭނެކަން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ސާބިތު ކޮށްދެއްވަނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިޤްތިޞާދީ ގޮންޖެހުން ބޮޑު ވަގުތެއްގައި މަޑުމައިތިރިކަން އިސްކޮށްގެން، ހަލަބޮލިކަމާއި ހަމަނުޖެހުމާ ނުލައި، ޖުމްހޫރީ ވެރިކަމުގެ ހަމަތަކުގެ މަތިން، ޤައުމު ކުރިއަށް ގެންދެވިދާނެކަން ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަށް ބަދަލުވެގެން ދިޔަ ދިއުމަކީ ދިވެހިންގެ ވިސްނުމާއި ކުރިއެރުން ބަދަލުވެގެން އައި މިންވަރު ވަރަށް ރީތިކޮށް ރަމްޒު ކޮށްދިން ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެއްގެ އެންމެ އަސާސީ ސިފަކަމަށާއި ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަކީ އިޖްތިމާޢީ އިންސާފުކަމާއި އަދި ފާއިތުވި 3 އަހަރު ސަރުކާރުން މަސައްކަތްކުރެއްވީ އެ ހަމަ ހިފެހެއްޓެވުމަށް ކަމަށެވެ.
  
 
 
            
                    
            
                    
            
                    
            
                    