ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން 7 މީހަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރި ކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޮވެމްބަރު 10ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަނުގައި އެދެގެ ބަލައިފާސްކޮށް ދެ ކިލޯއަށް ވުރެ ގިނަ ކެނަބިސްއާއި 200 ގްރާމަށް ވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދައިފައިވެއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ފަސް މީހުން ވަނީ ދޫކޮށްލައިފައެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.