ބައިޑަންގެ މުޝީރުން ބުނީ އަގު އުފުލެނީ ކޮވިޑްގެ ސަބަބުންކަަމަށް
އިންފްލޭޝަން މަތިވަމުން އަންނަ ދަނޑިވަޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިގުތިސޯދީ މުޝީރުން ސަރުކާރުގެ ސިޔާސަތުތައް ދިފާއު ކުރައްވައިފިއެވެ.
އެމެރިކާގެ ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް މުޝީރުން ވިދާޅުވެފައި ވަނީ، އިންފްލޭޝަން މައްޗަށް ދިޔުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި، މިއީ މި ސަރުކާރުގެ ޕްރޮގްރާމްތަކުގެ ނަތީޖާއެއް ނޫން ކަމަށެވެ.
އެމެރިކާގެ އާއްމު މުދާތަކުގެ އަގުތައް މިދިޔަ ހަފްތާގައި ވަނީ ފާއިތުވި 31 އަހަރުގެ ތެރޭގައި މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފައެވެ. އަގު އުފުލުނު މުދާތަކުގެ ތެރޭގައި ޕެޓްރޯލް ފަދަ ކޮމެޑިޓީސްތައް ހިމެނެއެވެ.
އެމެރިކާގެ އިދިކޮޅުން ވަނީ އިންފްލޭޝަން އަރައިގެން ގޮސްފައި ވަނީ ބައިޑަންގެ ސަރުކާރުގެ ސިޔާސަތު ކަމުން ތުހުމަތުކޮށްފައެވެ.
"ޝައްކެއް ވެސް ނެތް މިހާރު އިންފްލޭޝަން މަތި. އޭގެ އަސަރު އެމެރިކާގެ ޖީބުފޮތްތަކަށް ދަނީ ކުރަމުން، އޭގެ ސަބަބުން އެމީހުންގެ ވިސްނުމަށް އަސަރު ކުރޭ،" އެންބީސީގެ "މީޓް ދަ ޕްރެސް" ގައި ވައިޓް ހައުސްގެ ނެޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ބްރަޔަން ޑެއިޒީ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، މި ވާހަކަ ދައްކާއިރު، ހާލަތަށް ރިއާޔަތް ކުރުން މުހިންމު ކަމަށެވެ.
"ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިއިރު އަޅުގަނޑުމެންނަށް މި އޮތީ މުޅި އިގްތިސޯދީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައި."
ކޮވިޑް-19 ސަބަބުން ބަންދުވެފައި އޮތް އިޤްތިޞާދު އަލުން ހުޅުވުމާ އެކު، ހަކަތައިގެ ރިމާންޑް ބޮޑުވުމުން ޕެޓްރޯލްގެ އަގުދަނީ ބޮޑުވަމުންނެވެ. މީގެ ސަބަބުން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އިންފްލޭޝަން މައްޗަށް ދާމިންވަރު ވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ.
އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލްކޮށް، އަގު ތިރިކުރުމަށް ފެޑްރަލް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އަންނަ ހޯމަ ދުވަހު ބައިޑަން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއް ޓްރިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗަރ ބިލްގެ ސަބަބުން އެތައް ހާސް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެމެރިކާގެ ސަރުކާރުން ހާމަކުރެއެވެ. އިންފްރާސްޓްރަކްޗަރ ބިލްގެ ތެރޭގައި ހަލާކުވެފައިވާ މަގުތަކާއި ބްރިޖް މަރާމާތު ކުރުމާއި އިންޓަނެޓްގެ ޚިދުމަތް ރަނގަޅު ކުރުން ހިމެނެއެވެ.