އޭޝިއާ

ދިއްލީގެ ވައި ނުސާފުވެ، އޮފީސްތައް ބަންދު ކުރަން ކޯޓުން އަމުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފީސްތައް ބަންދުކޮށް ގޭގައި ތިބެ މަސައްކަތް ކުރުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވީ، ވައި ތަޣައްޔަރުވުން ކުޑަ ކުރެވެންދެން ވެރިރަށް ނިއު ދިއްލީ އަދި ކައިރި ސިޓީތަކުގެ އޮފީސްތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ. އަދި މުއްދަތުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ގޭގައި ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެ އަމުރުގައިވެއެވެ.

ނިއު ދިއްލީގެ ކުއްލި ފިޔަވަޅުތަކެއް އަޅައިފައި މިވަނީ، ސްކޫލްތައް ބަންދުކޮށް، އިމާރާތްކުރުމުގެ މަސައްކަތް ހަތަރު ދުވަހަށް ކުރިއަށް މަޑު ޖައްސާލަން މިދިޔަ ހޮނިހިރު ދުވަހު އަންގައިފައި ވަނިކޮށެވެ.

މިއަދު ކުރި އަމުރުގައި އޮފީސްތައް ބަންދު ކުރުމުގެ އިތުރުން އަވަށްޓެރި ސްޓޭޓްތައް ކަމަށްވާ ހަރިޔާނާ، ޕަންޖާބް އަދި އުއްތަރް ޕްރަދޭޝްގައި ގޮވާމުގެ ބާވަތްތައް ހައްދަން ކުނިގޮނޑުތަކުގައި ރޯކޮށް އަނދަމުންދާ އަލިފާންގަނޑުތައް އެންދުން ހުއްޓައިލުމަށާއި އެކަން ކުރޭތޯ ޔަޤީން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގައިފައެވެ.

އަދި ކޮންމެހެން ބޭނުން ނުވާ ވެހިކަލްތައް ހުއްޓުވާ ޓްރެފިކް މަދުކޮށް، އިންޑަސްޓްރިއަލް ޕޮލިއުޝަން މަދު ކުރުމަ ށްވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހޯމަ ދުވަހު ދިއްލީގައި ވައިގެ ކޮލިޓީގެ އިންޑެކްސް ހުރީ 500ގެ ސްކޭލެއްގައި 343ގައެވެ. މިއީ ދިގު މުއްދަތަކަށް ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމަށް މަގުފަހިވާ ނުރައްކާތެރި ހާލަތެއް ދައްކުވައިދޭ ނިޝާނެކެވެ.

Ads by Allied Insurance
  1. ކޮން ޑެއްލީއެއްތަ. ދިއްލީ ކިޔާބަލަ