ޚަބަރު ރައްޔިތުންގެ މަޖިލިސް

9 އަހަރުގެ ދަރިފުޅުގެ ދުލުން: އަންހެނުންނަކީ އުއްބައްތިއެއް ފަދަ ބައެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު އާދަމް ޝަރީފު އުމަރު

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހާއި ގައުމީ ޔުނިވަސިޓީ ގުޅިގެން އަންހެނުންގެ ދައުރު މުޖުތަމައުގައި އޮންނަ ރޯލާއި އަންހެނުންގެ ހާލަތު ވަޒަންކުރުމަށް ރާއްޖޭގައި ހިންގި ދިރާސާއެއްގެ ރިޕޯޓު ވަނީ ހުށަހަޅައިފައެވެ. އެރިޕޯޓަށް މަޖިލިސް މެމްބަރުން ވާހަކަދެއްކެވިއިރު އެންމެ އަޅައިގަތް އެއް ވާހަކަފުޅަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުގެ ވާހަކަފުޅެވެ.

Ads by Hajj Corporation

"އަޅުގަނޑު އުއްމީދުކުރަން މިއަދު މި ވާހަކަ ދައްކަމުންދާއިރު އަޅުގަނޑުގެ 9 އަހަރުގެ އަންހެން ދަރިފުޅު ޓީވީ ބަލަން ހުންނާނެކަމަށް" ވާހަކަފުޅު ފައްޓަވަމުން ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ވަރަށް ގިނައިން އެ ދަރިފުޅު ހަނދާންކޮށްދޭ ވާހަކައެއް އޮންނަކަމަށެވެ. އެ ގޮތުން އެ ދަރިފުޅު ބުނަނީ "ވިމެން އާ ލައިކް ކެންޑަލްސް" ނުވަތަ އަންހެނުންނަކީ އުއްބައްތިއެއް ފަދަ ބައެއް ކަމަށެވެ. އެ ދަރިފުޅުގެ ވާހަކަ މެމްބަރު އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.

"އަޅުގަނޑުގެ ދަރިފުޅު ބުނެދޭ ވާހަކައަކީ އަންހެނުންނަކީ އުއްބައްތިއެއް ފަދަ ބައެކޭ. ގެއަށް އުފާވެރިކަމާއި، ދިރުން، އަލި ގެނަސްދެއޭ. ހަމައެއާ އެކީގައި ދަރިފުޅު އަޅުގަނޑަށް ހަނދާންކޮށްދެނީ ފަހަރެއްގައި މައްލަވަ ކޮށްލައިފިކަމަށް ވެއްޖެއްޔާ ގެ އަންދައި ވެސް ލާފާނެއޭ" މެމްބަރު ތަފްސީލުކޮށް ވިދާޅުވެދެއްވިއެވެ.

މެމްބަރު ވިދާޅުވީ ދަރިފުޅު ސިފަކޮށްދެނީ އަންހެނުންނަކީ ނުފޫޒު ގަދަ ހަމަ އެހާމެ ވަރުގަދަ ބައެއްގެ ގޮތުގައި ކަމަށެވެ. 9 އަހަރުގެ ދަރިފުޅަށް އަންހެނުންނާ ގުޅޭ މި ފަދަ ވާހަކައެއް ދައްކަން އެނގެނީ އެ އުމުރުގެ ކުދިންނަށް ވެސް އަންހެނުންނާ މެދު ގަބޫލުކުރާ ގަބޫލުކުރުންތައް އެނގި އެކަންކަމަށް ހޭލުންތެރިވަމުން އަންނާތީކަމަށް ޝަރީފު ވިދާޅުވިއެވެ.

އަންހެނުންގެ ދައުރާ ގުޅޭގޮތުން ވެސް މެމްބަރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވިދާޅުވީ ރިޕޯޓުގައި އަންހެނުންނާ ބެހޭ ގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ މަތީ މަގާމުތައް ފުރުމުގައި އަންހެނުންނަށް ވުރެ އެކަށޭނައީ ފިރިހެނުންކަމަށް ދެކޭތީ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުން ރިޕޯޓުގައި ފާހަގަކުރަނީ ބޮޑެތި ނިންމުންތައް ނިންމުމުގައި އަންހެނުން "އިމޯޝަނަލީ" ބަލިކަށި ވާނެތީއެވެ.

މިކަމާ ގުޅިގެން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޝަރީފު ކިޔައިދެއްވީ މީގެ ދުވަސްތަކެއް ކުރިން މެމްބަރުގެ ގެކޮޅުގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ވާހަކައެވެ.

"އަޅުގަނޑުގެ ގޭގަ އަލިފާނުގެ ހާދިސާއެއް ހިނގި. އަޅުގަނޑަށް ފާހަގަކުރެވުނު އެއަލިފާނުގެ ހާދިސާ ހިނގި ވަގުތު އެންމެ ސާބިތުކަމާއެކީގަ ހަމަޖެހިގެން ހުރެ އެ ދުވަހު ޑިސިޝަން މޭކް ކުރަމުން ދިޔައީ އަޅުގަނޑުގެ އަންހެނުން" އަނބިކަނބަލުންނަށް ތައުރީފު ކުރައްވަމުން ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓު ހަމަލާ ދެވުނު ރޭ މަޖިލީހުގެ މަސައްކަތަށް ނައިބު ރައީސް އީވާ އަބްދުﷲ އިސްނެންގެވި އިސްނެންގެވުން ފާހަގަކުރައްވައި އެކަމަށް ވެސް ތައުރީފު ކުރައްވައިފައެވެ. އެހެންކަމުން އަންހެނުންނަށް މަތީ މަގާމުތައް ލިބުމުން ގާބިލުކަމާ އެކު އެމަގާމުތައް ފުރުއްވުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC
  1. އަޙްމަދު ނަޝީދު

    ވާހް! އުފާވެރިކަން ގެނެސްދިން ވަރަށް ބުއްދިވެރި ވާހަކަފުޅެއް. ޝުކުރިއްޔާ

    • ށަވޔަނި

      ަެވަރަށް ޝައުޤުވެރިވި ވާހަކަފުޅެއް