ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ތައްޔާރުވެއްޖެ
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމައިގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. އެން.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއީއޯ އަލްފާޟިލް މުޙައްމަދު ރަމީޒެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް ޝެއިޚް އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ ޤައިދީންނަށް ޚާއްޞަކޮށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ހިންގުމާ ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މި އެގްރީމެންޓުގެ ދަށުން ޤައިދީނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނީ އެ ކަމަށް ޚާއްޞަކުރެވިގެން ތަމްރީނު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސެލަރުންނާއި ކޭސްވޯކަރުންނާއި ޕްރިޒަން އޮފިސަރުންގެ ފަރާތުންނެވެ.
މީގެ އިތުރުން އިންހައުސް ނުވަތަ ރެސިޑެންޝަލް ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު ، ބައިވެރިންނަށް ބޭނުން ވާނެ އާފްޓަރކެއަރ ޕްރޮގްރާމާއި ، ޕްރޮގްރާމްގެ ސަސްޓައިނަބިލިޓީ ކަށަވަރުކުރުމަށް ޓަކައި، ޑޭޓާ އެއްކުރުމާއި އެ ޑޭޓާގެ މައްޗަށް ބިނާކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ބަދަލު ގެނައުމާއި، މުޖުތަމަޢަށް ނުކުންނަ ފަރާތްތައް މޮނިޓަރ ކުރެވޭނެ އުޞޫލުތައް ކަނޑައެޅުމަށް ވެސް މި ފަހުމުނާމާގައި ބާރުއަޅައެވެ.