ދީން

އިސްލާމްދީން ވަނީ ހަތުރުވެރިކަމުގެ އަލިފާންގަނޑު ނިއްވައިލައި އިސްލާމީ އުއްމަތް ސަލާމަތް ކޮށްފައި: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައި ވަނީ އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަމުގެ މައްޗަށެވެ.

އިސްލާމްދީނުގެ އިރު، ދުނިޔޭގެ މައްޗަށް އަރައި އަލިވެ އުޖާލާވެ ބަބުޅައިގަތީ އިސްލާމީ ވަޙްދަތުގެ ސަބަބުންނެވެ. އިސްލާމީ ފުޠޫޙާތުތައް ދުނިޔޭގެ އިރުމައްޗަށާއި، ހުޅަނގަށް ފެތުރިގެން ދިޔައީ އިސްލާމީ އެއްބައިވަންތަކަމުގެ ސަބަބުންނެވެ.

އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭ ވަރުގެ ގާބިލުކަން، އިސްލާމީ އުއްމަތުގެ ވަޙްދަތުގަޔާއި އެއްބަނޑު އެއްބަފާކަމުގެ ގެތުންތަކުގައި އެބަހުއްޓެވެ. މިކަމަށް ޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަޙްދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމެވެ. އެކަމަށް ބޭނުންވާ އީމާންކަމުގެ އިޙްސާސްތަކާއި، ޝުޢޫރުތައް ހަރުދަނާ ކުރުމެވެ.

މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން މިއީ އެއް އުންމަތެއްކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަަޅުކަން ކުރާ ހުށިކަމަށެވެ.

މުސްލިމުންގެ އެއްބައިވަންތަކަމާއި އިސްލާމީ އުޚްވަތްތެރިކަން ވަރުގަދަ ކުރުމަށް ޓަކައި ކުރަންޖެހޭ ދެވަނަ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހިތްތަކުގައި އޯގާތެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދައި، އެއަށް ފެންދީ ހައްދައި ބޮޑު ކުރުމަށް މަސައްކަތް ކުރުމެވެ. މިކަމާ އަރައިރުން ވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުމެވެ.

އިސްލާމްދީން ވަނީ އައުސާއި ޚަޒްރަޖާ ދެމެދުގައި އޮތް ހަތުރުވެރިކަމާއި ނޭއްގާނީކަމުގެ އަލިފާންގަނޑު ނިއްވައިލައި އަލިފާނުގެވަޅުގަނޑެއްގެ ތުންފަތްމަތިން އިސްލާމީ އުއްމަތް ދުރަށްލައި ސަލާމަތް ކޮށްފައެވެ. މިއަދު ވެސް މުސްލިމުންނަށް މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!