އަންހެނުންގެ ތަފާތުކުރުންތައް ނައްތައިލުމަށް މަޖިލީހުގެ ފުރިހަމަ ތާއީދު
ދިވެހިރާއްޖޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އެކަމަށް ހުއްޓުމެއް ގެނައުމަށް ޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމާ ގުޅޭ ޕާލަމެންޓަރީ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.
އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލާން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު ދިރާސާކުރުމަށް ފަހު މަޖިލީހަށް ހުށަހަޅާފައިވާ އިރު ހޯމަދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކުރަން ފެންނަކަމަށް 50 މެމްބަރުން ވޯޓު ދެއްވިއެވެ. މި ރިޕޯޓާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.
އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމުގެ ސާވޭއެއް ހެދީ ރައްޔިތުންގެ މަޖިލީހާއި ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ. މިސާވޭގެ ރިޕޯޓު ނިމިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހަޅައިދެއްވީ ޔުނިވަސިޓީގެ ފަރާތުން ސާވޭގައި މަސައްކަތްކުރެއްވި ތިން އަންހެން ބޭފުޅުންނެވެ.
އެ ސާވޭގެ ރިޕޯޓުގައި ބުނެފައި ވަނީ އަންހެނުންގެ ތަފާތުކުރުންތައް ނައްތައިލުމުގައި މުޖުތަމައުގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މި ގޮންޖެހުންތައް ކުރިމަތި ވަނީ ދެ ޖިންސުގެ މީހުން ވެސް ހިމެނޭހެން މުޖުތަމައުގެ ތެރޭގައި ހުރި ގަބޫލުކުރުންތަކެއްގެ ސަބަބުންކަމަށް ސާވޭއިން ދެއްކިއެވެ. ރިޕޯޓުގައި ފާހަގަކުރި ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މަތީ މަގާމުތަކުގައި އަންހެނުން ބޭތިއްބުމަށް އެއްބަޔަކު ދެކޮޅު ހަދައެވެ. އަންހެނުންނަކީ ނިންމުންތައް ނިންމުމުގައި އިމޯޝަނަލީ ބަލިކަށި ބައެއްކަމަށް މުޖުތަމައުގެ އެއްބަޔަކު އަދިވެސް ގަބޫލުކުރެއެވެ.
މީގެ އިތުރުން ކެއްކުމާއި، އެއްޗެހި ދޮވުމާއި ދަރިން ބެލުން ފަދަ ގޭތެރޭގެ މަސައްކަތްތަކަކީ އަންހެނުންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ދެކޭ މީހުން އަދިވެސް މުޖުތަމައުގެ ތެރޭގައި ތިބިކަން ސާވޭއިން ވަނީ ދައްކައިފައެވެ. އެގޮތަށް ގަބޫލުކުރާ އަންހެނުންގެ ނިސްބަތް ވެސް މަދު ނޫންކަން ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް މި ސާވޭގައި ވަނީ ކުރިއެރުންތަކެއް ވެސް ލިބިފައެވެ. އެ ގޮތުން ރާއްޖޭގެ ރައީސްކަމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަދަ ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި އަންހެނުން ބޭތިއްބުމަށް ތާއީދުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ތަފާތުކުރުންތައް ފެށިގެން އަންނަނީ ގޭތެރެއިން، މައިންބަފައިންގެ ފަރާތުންކަމަށް ވެސް ސާވޭގައި ވަނީ ހޯދިފައެވެ. އެގޮތުން ވަކި ވައްތަރެއްގެ ވަޒީފާއެއް އަދާކުރުމާއި ވަކި ރޮނގަކުން ކިޔެވުމަށް އާއިލާއިން މަޖުބޫރު ކުރުވާކަމަށް ސާވޭގައި ވާހަކަ ދެއްކި ބައެއް އަންހެނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވައިލައިގެން ހެދި މިސާވޭގައި އެންމެ ގިނައިން މީހުން ބައިވެރިވީ މާލެ ސަރަހައްދުންނެވެ. އަދި ސާވޭގައި ބައިވެރިވި ގިނަ މީހުންނަކީ އަންހެނުންކަން ވެސް ފާހަގަކޮށްލެވެއެވެ.