ވަކި ބަޔަކަށް އަމާޒުކޮށްގެން ސަރުކާރުން ހައުސިން މަޝްރޫތަކެއް ނުހިންގާނެ: އަސްލަމް

ވަކި ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހައުސިން މަޝްރޫތައް ހިންގުމަކީ ސަރުކާރުން ޤަބޫލު ކުރާ ގޮތެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް މި ސަރުކާރުން ކަންތައް ނުކުރައްވާނެ ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކުންފުނިތަކުން އަޅާ ފްލެޓުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށާއި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރުވެސް ހައުސިންގް މަޝްރޫއުތައް ފަށަން ހަވާލުކޮށްފައިވާ ކުންފުނިތަކަށް އެ ޒިންމާ އަދާ ނުކުރެވޭ ކަމަށެވެ. އަދި އެސްއޯއީތަކުން ފްލެޓްތައް އެޅި ނަމަވެސް ނިމޭއިރު ސަރުކާރުން އެކަމަށް ޒިންމާވާން ޖެހޭ ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މިހާރު ބައެއް އެސްއޯއީތަކުން ކުރިއަށްގެންދާ މަޝްރޫތައް ހުއްޓުވުމުގެ ވިސްނުން ވެސް ސަރުކާރުގައި ނެތް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ދެ ކުންފުންޏެއް މެދުވެރިކޮށް، ހައުސިންގ މަޝްރޫއު ކުރިޔަށް ގެންދަން ރާވައިފައިވާކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލްމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވަކިތަނެއްގައި ވަޒީފާ އަދާ ކުރުމަކީ، ހައުސިންގ ލިބެން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ. މިހެންވެ، މިފަދަ ގޮތަކަށް މަޝްރޫއު ކުރިޔަށް ނުގެންދަން ނިންމައިފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ކުށް ގިނަ ވާތީ، އެކަން ކޮންޓްރޯލް ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. މިސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، އެކަން އެގޮތަށް ދިމާވީ، ކުޑަ ސަރަހައްދެއްގައި ބޮޑު އާބާދީއެއް އުޅެން ޖެހުމުން ކަމަށެވެ. އަދި 25 ބުރީގެ އިމާރާތްތަކަށް ވުރެ، 4 ބުރީގެ ގިނަ އިމާރާތްތަކެއް އެޅި ނަމަ އެފަދަ މައްސަލަތަށް މަދުވެ، އާބާދީ ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހިޔާ ސަރަހައްދުން ނުކުންނަ މައްސަލަތަކުން ރެކެން މަސައްކަތް ނުކުރައްވާ ކަމަށާއި މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.