ރިޕޯޓް

މުރައިދޫގެ ސަރަހައްދުގައި އެޅި ރަތް ރޮނގު: ބޮޑުންނާއި ނިކަމެތިން ފާހަގަކުރާ ރޮނގެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ 6ވަނަ ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި އާލާވެފައިވާ ވަރު ވަރަށް ސާފުކޮށް ދައްކައި ދިން ހާދިސާއެކެވެ.

Ads by MWSC

މިއާ އެކު ރައީސް ނަޝީދަށް ދެވުނު ސެކިއުރިޓީ ވަނީ އޭރަށް ވުރެ ވެސް ވަރުގަދަކޮށްފައެވެ. އެމަނިކުފާނަށް އެކި ފަރާތްތަކުން ތަކުރާރުކޮށްް މަރުގެ އިންޒާރު ދޭކަމީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއިން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމުން އަންނަކަމެކެވެ.

މިހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެ މަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ދުވަހު އެ މަނިކުފާނަށް ވަނީ އެންމެ މަތީ ސެކިއުރިޓީ ދެއްވައިފައެވެ. އެގޮތުން އެމަނިކުފާނު ދަތުރު ކުރެއްވި ކާރުކޮޅުގެ ވަށައިގެން، ސެކިއުރިޓީ އޮފިސަރުން ވަނީ ހަރަކާތް ތެރިވެފައެވެ. މިއާއެކު އެމަނިކުފާނަށް ދެއްވި ސެކިއުރިޓީގެ ވަރުގަދަ ކަމުން އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔައި އެމަންޒަރުތައް ސިފަވީ ނޯތު ކޮރެއާގެ މަންޒަރެއްގެ ގޮތުގައި ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީންސުރެ މިއަދާ ހަމައަށް ވެސް އެމަނިކުފާނަށް ދެއްވަމުން ގެންދަވަނީ އެންމެ ހައި ސެކިއުރިޓީއެވެ. އަދި ކުރިއަށް އޮތް ތާނގާއި ވެސް މިފަދަ ހައި ސެކިއުރިޓީއެއް އެމަނިކުފާނަށް ދޭން ޖެހޭތީ ވަކި ގެކޮޅެއް ހަމަޖައްސަވައި ދެއްވައިފައި ވެއެވެ. މިގޮތުން ހ. މުރައިދޫގެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހާ ވަނީ ހަވާލުކޮށްފައެވެ. އެ ގެ ހުންނަ ސަރަޙައްދު ވަނީ ރެޑް ޒޯނެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެހެންކަމުން އެ ސަރަޙައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން މަނާވާނެއެވެ.

މިއާ އެކު އެ ގެ ހިމެނޭ ސަރަހައްދުގައި ދެމި ރަތް ކުލައިގެ ރޮނގަކީ ބޮޑުންނާއި ނިކަމެތިން ފާހަގަކުރުމަށް އެ ދެމެދުގައި ދަމައިލި ރޮނގެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝޯޝަލް މީޑިޔާގައި ފާޑު ކިޔަން ފަށައިފައެވެ. މުރައިދޫގޭ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާ އެސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ރާއްޖޭގައި މިހާތަނަށް ރައީސުލް ޖުމްހޫރިއްޔާއަކަށް ވެސް ނުދޭ ފެންވަރުގައެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގައި ވެސް ރަތް ރޮނގު ދަމައިފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާ ވަރުގަދަކޮށްފައި ވަނީ އެ މަނިކުފާނަށް އޮތް "ތުރެޓް ލެވެލް" މަތިކަމުންނެވެ. އެހެން ނަމަވެސް ހ. މުރައިދޫގޭ ހިމެނޭ ސަރަހައްދުގައި އެޅި ރަތް ރޮނގާ އެކު އެ މަނިކުފާނަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން އެއްބަޔަކު ބުނާ ގޮތުގައި ހިތްތިރި ރައްޔިތުން ދެކެ ލޯބިވާ ވެރިމީހާ މިއަދު މި ވަނީ ރައްޔިތުންނަށް ބުރައަކަށްވެ ދައުލަތަކަށް ނުކަތާވަރުގެ ސެކިއުރިޓީއެއް ދޭން ޖެހިފައެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި މިއީ އެމަނިކުފާނު ވިދާޅުވާ ޑިމޮކްރަސީގެ ހަމަހަމަކަމެވެ. އަދި އަނެއްބަޔަކު ބުނާ ގޮތުގައި މިއީ ދެއްކުންތެރިކަމާއި ބޮޑާކަމުގެ ވެސް އިންތިހާއެވެެ.

ރައީސް ނަޝީދަށް ކުރިމަތިވި މެއި ހައެއްގެ ހަމަލައިގައި އެ މަނިކުފާނަށް އޮތް ތުރެޓް ހާމަވެއެވެ. ނަމަވެސް  ރައީސް ނަޝީދުގެ ސެކިއުރިޓީއަށް މި އެޅި "ރަތް ރޮނގާ" އެކު ، ވެރިންނާއި ނިކަމެތިންގެ ބޮޑު ބަހުސެއް މި ވަނީ ފެށިފައެވެ. ރައީސް މައުމޫންގެ ވެރިކަމަކީ ޝަހެންޝާހާއި ޝާނާޝައުކަތުގެ ވެރިކަމެއްކަމަށް ވިދާޅުވެ ފާޑު ވިދާޅުވި ރައީސް ނަޝީދަށް ދަމައިލި ރަތް ރޮނގަކީ ވެރިންނާއި ނިކަމެތީން ވަކިކުރާ ފާހަގައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ads by HDC
  1. ފާފު

    ކޮންމެ ގޮތެއްވިޔަސް އާއްމު ރައްޔިތަކާ، ގައުމެއްގެ ރައީސް އަކާ ތަފާތު ވާނެ.
    ނުރައްކާ އޮތް މީހަކަށް ރައްކާތެރިކަން ދެވޭ އެންމެ މެކްސް އެއްގަ ދޭންޖެހޭނެ.

    • ހަސަނުގެ ދަރި ލަތީފް

      ޢެއީ ކޮން ގައުމެއްގެ ރައީސެއްބާ .ޑެންމާރކް ގެ ރައީސް ތޯއްޗެ. ޢެކަލޭގެ އަގަ ގަދަވެގެން ކިޔޭނުކިޔޭ އެއްޗެއް ނޭނގޭތީ ނުރައްކާ ބޮޑުވަނީ . ޜައްޔިތުންގެ ކިބައިން މަޢާފަށް އެދިފަ ދީނަށް ފުރަެްސާރަ ނުކުރާނެ ކަމަށް ބުނެ ބަލަ އެއްވެސް ނުރައްކަލެއް ނޯންނާނެ. ނުރައްކާ ހޯދައިގަންނަނީބއަމިއްލައަށް