ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކުދިންނަށް ތައުލީމީ ހިދުމަތް ފޯރުކޮށްދިނުމަށް، އެތަނުގައި ސްކޫލެއް އެޅެންދެން އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލުތައް ބިނާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން ސަލާހުއްދީން ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާކަމަށާއި އަދި އާރުސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ވެސް ސްކޫލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު ދެ ސްކޫލެއް ދެވަނަ ފިޔަވަހީގައި ބިނާކުރުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާނެކަމަށެވެ.
ދެވަނަ ފިޔަވަހީގައި ސްކޫލު އެޅެންދެން ހުޅުމާލޭގައި ހުރި އެހެން ސްކޫލުތަކުގައި ޖާގަ އޮތް ވަރަކުން އެ ސްކޫލުތަކަށް ކުދިން ވައްދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން މިހާރު އެއް ދަންފަޅިއަށް ކިޔަވައިދެމުންދާ ހުރަވީ ސްކޫލު އަންނަ ޓާމުން ފަށައިގެން ދެ ދަންފަޅިއަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށާއި މީގެ ސަބަބުން 1،500 ކުދިންގެ ޖާގަ އެ ސްކޫލުން ތަނަވަސްވެގެން ދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
"ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މާލެ ސްކޫލުތަކުން އެކޮޅަށް ދާ ކުދިންނަށް ހަމަ މިނީ ބަސް ބާއްވައިގެން ބަހުގެ ޒަރިއްޔާއިން ސްކޫލުތައް ހުޅުވެންދެން އެކުދިން މިހާރު އުޅޭ ސްކޫލަށް އައުމުގެ ފުރުސަތު ދިނުން" މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓުތައް 2018ވަނަ އަހަރުގެ ނިޔަލަށް ނިންމައިލި ނަމަވެސް އެ ތަނަށް މީހުން ވައްދަން ސަރުކާރުން ހުއްދަ ދިނީ ދެ އަހަރު ދުވަސް ފަހުންނެވެ. އެ ދެ އަހަރުގެ ތެރޭގައި ދެވަނަ ފިޔަވަހީގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މިހާރު އަންނަނީ ހިޔާ ފްލެޓުތައް ކައިރީގައި ސްކޫލެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮބާއެދުވެސް