މަސައްކަތް ހުއްޓިފައިވާ މަޝްރޫޢުތަކުގެ ބިންތައް އަތުލަަން ނިންމައިފި

ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނުފަށާ ކުންފުނިތަކުގެ އަތުން އެ ބިންތައް އަތުލައި ސަރުކާރުގެ ކުންފުނިތަކުން ފްލެޓް އިމާރާތްކުރުން މަނާކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.
އެސްއޯއީ ކޮމިޓީން އެގޮތަށް ފާސްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހުއެވެ.
އެގޮތުން މި ދިރާސާ ރިޕޯޓުގައި ހާމަވާ ގޮތުގައި ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެކެވެ.
އެހެންކަމުން މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން އެސްއޯއީގެ ރިޕޯޓުގައި ހިމަނައިފައި ވެއެވެ.