ދެކުނު އެފްރިކާއިން ނެދަލެންޑްސްއަށް ދަތުރު ކުރި ބަޔަކު ކޮވިޑަށް ފައްސި ވެއްޖެ
ދެ ފްލައިޓެއްގައި ދެކުނު އެފްރިކާއިން ނެދަލެންޑްސްގެ އެމްސްޓަޑަމްއަށް ދިޔަ 61 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ކަމަށް ނެދަލެންޑްސްގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ބައްޔަށް ފައްސިވެފައި ވަނީ، ދެކުނު އެފްރިކާއިން ދާމީހުން އެތެރެވުން ނެދެލެންޑްސްއިން މަނާ ކުރުމުގެ ކުރިން، އެޤައުމަށް އެތެރެވި ފަރާތްތަކެވެ. މިގޮތުން، 600 އެއްހައި މީހުން، ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ޤައުމުގައި ވަނީ އެކަހެރިކޮށްފައެވެ. އެމީހުން އެކަހެރިކޮށްފައި ވަނީ ސްޗިޕޯލް އެއާޕޯޓް ކައިރީގައި ހުންނަ ހޮޓަލެއްގައެވެ.
ޑަބްލިއުއެޗްއޯއިން ކަންބޮޑުވާ ވޭރިއަންޓެއްގެ ގޮތުގައި ހުކުރު ދުވަހު އިއުލާންކުރި، އޮމިކްރޮން ވޭރިއަންޓްގެ އެއްވެސް ވޭދަނައެއް ހުރިތޯ ބެލުމަށް ނެދަލޭންޑްސްގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުދަނީ އިތުރު ޓެސްޓުތައް ކުރިއަށް ގެންދަމުންނެވެ.
މި ވޭރިއަންޓް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ދެކުނު އެފްރިކާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށެވެ.
ފާއިތުވެދިޔަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ދެކުނު އެފްރިކާ ސަރަޙައްދުން އެ ގައުމުތަކަށް ދަތުރުފަތުރުކުރުން މަނާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.
ނެދަލެންޑްސްގައި ރެކޯޑް އަދަދަކަށް އިންފެކްޝަންތައް ވަނީ މިމަހުގެ ތެރޭގައި އިތުރުވެފައެވެ. އާދީއްތަ ދުވަހުގެ 17:00އިން ފެށިގެން ޑިސެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް، ހޮޓަލްތަކާއި އާސާރުތައް ބަންދުކުރަން މަޖުބޫރުވާ ގޮތަށް، އެ ޤައުމު ލޮކްޑައުންކުރަން ވަނީ ނިންމައިފައެވެ
ދެކުނު އެފްރިކާއިން ނެޑެލެންޑްސްއަށް ދަތުރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ކާނެ އެއްޗެއް އަދި ބޯނެ އެއްޗެއް ނެތި މަތިންދާބޯޓުގައި ބައިތިއްބައިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްސްޓަޑަމް މަގުން ކޭޕް ޓައުންއިން މެންޗެސްޓާއަށް ދަތުރުކުރި ފަސިންޖަރުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެމީހުން ސްޗިޕޯލް އެއާޕޯޓުގައި ހަތަރު ގަޑިއިރު ވަންދެން ބޭތިއްބި ކަމަށެވެ.
ފަސިންޖަރުން ފްލައިޓްގައި ބައިތިއްބައިގެން ފެން ވެސް ނުގެންނަ ކަމަށް ބުނެ، ފްލައިޓްތެރޭގައި ތިބި ނިއު ޔޯކް ޓައިމްސްގެ ކޮރެސްޕޮންޑެންޓް ސްޓެފަނީ ނޮލެން ވެސް ވަނީ ޓްވީޓް ކޮށްފައެވެ.
61 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އަލާމާތްތައް ފެންނަ ނަމަ ހަތް ދުވަސް ވަންދެން ހޮޓަލެއްގައި ކަރަންޓީން ވާން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ފަސް ދުވަސް ވަންދެން ހޮޓަލެއްގައި ކަރަންޓީން ވާން ޖެހޭނެ ކަމަށް ވެސް އެ ޤައުމުގެ ސިއްހަތާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި ނައްސިވި މީހުން ފަސް ދުވަސް ވަންދެން ގޭގައި އެކަހެރިވެ، އިތުރު ޓެސްޓުތައް ހެދުމަށް އަންގައިފައިވާއިރު، ޓްރާންސިޓްގައި ތިބި މީހުންނަށް ދަތުރުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.