ދީން

އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޖާހިލުކަމާއި ޣާފިލުކަން ހިމެނޭ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށެވެ. އެގޮތުން އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫން ކަމަށާއި އެއީ ދުލުން އިޤުރާރުވުމެއް ވެސް ނޫން ކަމުގައި ޚުތުބާގައި ހަނދުމަކޮށްދެއްވާފައިވެއެވެ. އީމާންކަން ފުރިހަމަ ވަނީ ޢަމަލު ކުރުމުންނެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

މުއުމިނުން ކާމިޔާބި ވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.

މިއާޔަތުގައި ބަޔާންވެގެން ވަނީ، ބާއްޖަވެރިކަމާއި، ކާމިޔާބު ލިބޭނެ މީހުންނަކީ ނަމާދުގައި ޙުޟޫޢަތްތެރިވާ މީހުން ކަމެވެ. ނަމާދަކީ ގުނަވަންތަކުން ކުރާ ޢަމަލެކެވެ.

ރަސޫލާ (ޞޢވ) ހަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ކިޔުމެވެ، އެންމެ ދަށު ދަރަޖައަކީ (މީސްތަކުންނަށް) އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަ ތަކެތި އެއްފަރާތް ކުރުމެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ.

މި ޙަދީޘުން އެނގެނީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ އެއްޗެހި ދުރަށްލުން ފަދަ ޢަމަލުތައް ވެސް ވަނީ އީމާންކަމުގެ ތެރެއިން ކަމެވެ.

އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެކެވެ. ހެޔޮ ޢަމަލުގެ ސަބަބުން އީމާންކަން އިތުރުވެއެވެ. ބައެއް އަސްޙާބުބޭކަލުން އީމާންކަން އިތުރު ކުރަން އެއްބޭކަލަކު އަނެއްބޭކަލަކަށް ހެޔޮކަންކަމުގައި ވާގިވެރިވެ ވަޑައިގަތެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޒިނޭ ކުރާ މީހާ މުއުމިނަކަށްވެ ހުރެ، ޒިނޭއެއް ނުކުރާނެއެވެ، އަދި ވައްކަން ކުރާ މީހާ މުއުމިނަކަށްވެ ހުރެ، ވައްކަމެއް ނުކުރާނެއެވެ. އަދި ރާބޯ މީހާ މުއުމިނަކަށްވެ ހުރެ ރަލެއް ނުބޯނެއެވެ.

އީމާންކަން ބަލިކަށިވުމުގެ ވަރަށް ގިނަ ސަބަބުތަށް ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރޭގައި ޖާހިލުކަން ވެސް ހިމެނެއެވެ. ޢަޤީދާއާއި ދީނުގެ ކަންތައްތައް ރަނގަޅު މަޞްދަރުތަކުން ނުހޯދުމުގެ ސަބަބުން، އިސްލާމީ ޢަޤީދާއާ ތަޢާރުޟުވާ ޢަމަލުތައް އިތުރުވެއެވެ. ޖާހިލިއްޔަ ޒަމާނުގައި މާތް ﷲއަށް ކުއްތަންވުމުގެ ގޮތުން، ހެޔޮލަފާ މީހުން މަރުވުމުން އެމީހުންގެ ބުދު ހަދައި، އެތަކެއްޗަށް އަޅުކަންކޮށް އުޅުނެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފި މީހުން ބުނޫއެވެ. ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަށް (ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ.

އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޣާފިލުވުން ވެސް ހިމެނެއެވެ. ޣާފިލުވުމުގެ ތެރޭގައި މާތް ﷲއަށް އަޅުކަން ކުރުން ދޫކޮށް، ދުނިޔެވީ އެކި ކަންކަމުގައި މަޝްޢުލުވެގެން އުޅުންވެއެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަ ބަޔަކު ނަރަކައަށް ޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށް ވެއެވެ. އެއުރެން ގެރި ބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބައެކެވެ.

އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ނުބައިކަންތަކަށް ގޮވައިލުން ވެސް ހިމެނެއެވެ. އެގޮތުން އިންސާނާގެ ނަފްސުގެ ތިން ބާވަތެއްވެއެވެ. މީގެތެރެއިން އެއް ބާވަތަކީ، އިންސާނާއަށް ނުބައި ކަންތަކަށް ގޮވައިލައި މާތް ﷲ ޙަރާމް ކުރައްވައިފައިވާ ކަންތަކާވީ ފަރާތަށް އިންސާނާ ގެންދާ ނަފްސެވެ. ނުބައި ކަންތައްތަކަށް ގޮވައިލައި ނަފްސު އަބަދުވެސް މަސައްކަތް ކުރާނީ، އިންސާނާ ނުބައިކަންތައްތަކާވީ ފަރާތަށް ގެންދިޔުމަށެވެ.

ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމެވެ. މާތް ﷲ މަތިންނާއި އާޚިރަތް ދުވަހުގެ މަތިން ހަނދާންނައްތައިލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!