ޚަބަރު

ކްރިމިނަލް ކޯޓު މެދުވެރިކޮށް ސަރުކާރުންދަނީ ސިޔާސީ ބަދަލު ހިފަމުން: ޑރ.ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޝަރުއީ ކޯޓުތަކަކީ ސަރުކާރު ނަގަހައްޓާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި މިއަދު ފެންނަ މަންޒަރަކީ ކްރިމިނަލް ކޯޓު މެދުވެރިކޮށް ސަރުކާރުން ސިޔާސީ ބަދަލު ހިފަމުން ދާތަން ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން ޖަލުން މިނިވަންވުމާ ގުޅިގެން "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރުޢީ ކޯޓުތަކަށާއި ޖޭއެސްސީއަށާއި ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ޖަމީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މިގޮތުން ވިދާޅުވީ، ސަރުކާރުން މިއަދު ކްރިމިނަލް ކޯޓު މެދުވެރިކޮށް ސިޔާސީ ބަދަލު ހިފަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާ ގުޅޭ ގޮތުން ވިދާޅުވީ، އެ މައްސަލަ އޮތީ މާކުރިން ނިންމައިފައި ކަމަށެވެ. ޖަމީލު ވިދާޅުވީ ކޯޓުތަކަކީ، ރާއްޖޭގެ ކުރިއެރުމާއި ޤާނޫނާއި ތަހުޒީބާއި ޤާނޫނު އަސާސީގެ މުޤައްދަސްކަން ހިފަހައްޓާން ހުރި ތަންތަންކަމަށާއި ނުފޫޒު ފޯރުވައިގެން ތަރައްޤީއަށް ހުރަސް އެޅޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ފެށިގެން ތަންފީޒީ މަރުހަލާ ނިމޭ ހިސާބަށް ރައީސް ޔާމީނާ ދޭތެރޭ، "އަނިޔާވެރި ފާރެއް" ރޭވިފައި އޮތް ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވަޢުދެއްކަމަށާއި އެހެން ނަމަވެސް "ޖޭއެސްސީ މިއަދު ފާހަގަ ކުރެވެނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި "ކަމަށާއި އަދި "އެ ތަން ސިފަ ވަނީ ދަރަންޏަށް ލިޔެފައި ހުކުމް ގެންނަ ތަނެއްގެ ގޮތުގައި" ކަމަށެވެ. އަދި އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވާކަން ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވީ، އެ ބޭފުޅުން ތިއްބަވައިގެން އިންސާފް ނުލިބޭނެ ކަމަށެވެ.

ޖަމީލްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއްކަމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުންވަނީ ނިންމައިފި ކަމަށާއި ރައްޔިތުން ނިކުމެ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!