ޚަބަރު ސަރުކާރު

ޖަލު ބަންދުގެ ދުވަސްތަކަށް ޖެހޭ 6.6 މިލިއަން ރުފިޔާ ހޯދަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވި ދުވަހުން ފެށިގެން މިނިވަންވުމާ ހަމައަށް، ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތް ހަމަޖައްސައިދޭން ވަކީލުންގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

“ދެން”އަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމައި ވަރަށް އަވަހަށް ހާމަކުރައްވާނެ ކަަމަށެެވެ.

“ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވި ދުވަސްތަކަށް ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ދިނުމަށް އެދިފައި ވަނީ. އެއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމައިފައި ހާމަ ކުރާނަން” ޝަނޫން ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިޔަން ޑޮލަރު، ލޯންޑަރު ކުރިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެންބަރު 2019ގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވުނު ދުވަހުން ފެށިގެން ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށް ލިބޭ އިނާޔަތް ރައީސް ޔާމީނަށް ދިނުން ވަނީ ހުއްޓައިލައިފައެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރި މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ދައުލަތުން ދޭ އިނާޔަތް އެ ބޭފުޅަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއް މެދުވެރި ނުވާނަމަ އެ އިނާޔަތް ލިބެންޖެހެއެވެ.

ކުރީގެ ރައީސުންނަށް މިހާރު ދޭ އިނާޔަތްތަކަށް ބަލާއިރު، ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000 ރުފިޔާ، އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާ، މާލީ އިނާޔަތުގެ ގޮތުގައި ދައުރަކަށް 50،000 ރުފިޔާ އަދި ބޭސްފަރުވާގެ ހަރަދަށް އަހަރަކަށް 700،000 ރުފިޔާ ދޭންޖެހެއެވެ. އެހެންކަމުން ޖަލުގައި ހުންނެވި ދެ އަހަރަށް ގާތްގަނޑަަކަށް 6.6 މިލިއަން ރުފިޔާ ދައުލަތުން އެމަނިކުފާނަށް ހަމަޖައްސައިދޭން ޖެހެއެވެ.

މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާތީ ކުރީގެ ރައީސް ، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!