ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން: ޝަހީމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްދާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެދުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދަޢުލަތުން ވަނީ މި މައްސަލައިގައި ރައީސް ޔާމީން ފިލައިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިޔުމުގެ ހެކި ވެސް ހުރި ކަމަށް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޔާމީން ފިލައިގެން ހިނގައްޖެ ނަމަ އަލުން އަބުރާ ގެންނަން އުނދަގޫވާނެ ކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ފިލައިގެން ގޮސްދާނެ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނަކީ އެއަށްވުރެ ހަރުދަނާ ބޭފުޅެއް ކަމަށެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެވަޑައިގެންފައި ވަނިކޮށެވެ. މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.
މާލޭގެ ޢިއްޒަތްތެރި ބައެއް މެންބަރުން ވިދާޅުވާ ގޮތުންނަމަ ރައީސް ޔާމީނުގެ ދިފާޢުގައި މާލޭމަގުމައްޗަށް ތިންހތަރު މީހުންވެސް ނުނިކުންނާނާނެ. އެވަރުގެ ކަމެއްނެތް ރައީސަކު ފިލައިގެން ގޮއްސިނަމަ ރާއްޖެ ގެންނަން ކޮން އުނދަގުލެއްވާނީ. ކާކުޙިމާޔަތްދޭނީ. އަދި ފިލައިގެން ގޮސް ދާނީ ވަކިކޮން ޤައުމަކަށް.