ދީން

ދުނިޔެއަކީ ފަނާވެދަނިވި ތަނެއްކަން އެންގެވި ފަދައިން، އާޚިރަތަކީ ދާއިމީ ތަނެއްކަން ވަނީ އަންގަވައިފައި : ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވަނީ، ހަގީގީ ހަޔާތަކީ އުޚްރަވީ ޙަޔާތްކަމެވެ.

އެގޮތުން ޚުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެން ނަމަވެސް އެހައި އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއް ދޭ ތަނެކެވެ.

މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

އެކަލާނގެ ވަޙީކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައިވެއެވެ.

ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއް ކަމުގަޔާއި މަޖަލެއް ކަމުގައި މެނުވީ ނުވެއެވެ.

ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެކެވެ. ހައްޤާއި ބާތިލުގެ ވާދަވެރިކަމެވެ. މުއުމިނުންނާއި ފާޖިރުން އިމްތިހާނު ކުރެއްވުމަށް ލައްވަވައިފައިވާ ތަނެކެވެ. ރަނގަޅު މީހުންނާއި ނުބައި މީހުން އިމްތިހާނު ކުރައްވަވާ ތަނެކެވެ. ދުނިޔެއަކީ ހަލާކުވެ، ނެތި ފަނާވެދަނިވި ގޮވައްޗެވެ. ދެމިއޮންނަނިވި ތަނަކީ އާޚިރަތުގެ ގޮވައްޗެވެ.

ދުނިޔޭގެ ހަގީގަތާ މެދު ބައެއް ފަރާތްތަކުން އިންކާރު ކުރަނީ، ނިމުމެއް ނުވާ އާޚިރަތުގެ ހަޔާތާ މެދުއެވެ. އެމީހުން އެ ދެކޮޅު ހަދަނީ އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް ޢަމަލު ކުރުމާ މެދުއެވެ. ދުނިޔެއަކީ ފަނާވެދަނިވި ތަނަކަށް ވާތީ، އެއީ ފަނާވެދާ ތަނެއްކަން އެނގެވި ފަދައިން، އާޚިރަތުގެ ޙަޔާތަށް ނިމުމެއް ނުވާތީ އެއީ ދާއިމީ ތަނެއް ކަމުގައި އެންގެވިއެވެ.

ދުނިޔެއަށް އިންސާނާ ފޮނުއްވީ، ހެޔޮގޮތުގައި ދުނިޔެ އިމާރާތްކޮށް، ހެޔޮ ގޮތުގައި މާތް ﷲއަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާ އެކު، އުޚްރަވީ ހަޔާތަށް ޓަކައި ހެޔޮ ޢަމަލުކޮށް އުޅުމަށެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ.

އެހެންކަމުން ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދަށް ގެންނަވައި، ބިމުގައި ޚަލީފާވެރި ކުރައްވައި، ހުރިހާ ނިޢުމަތްތަކެއް ދެއްވަވައި ސީދާވެގެންވާ މަގު އިންސާނާއަށް ދެއްކެވީ، މާތް ﷲއަށް އަޅުކަން ކޮށް އުޅުމަށެވެ. އަދި އިންސާނާއަށް ގެއްލުން ހުރި ގޮތާއި، ފައިދާ ހުރި ގޮތް އެކަލާނގެ ވަނީ ބަޔާން ކުރައްވައިފައެވެ. ދުނިޔޭގައި މަދު ވަގުތުކޮޅެއް ވޭތުކުރުމަށް ފަހު ދާއިމީ ހަޔާތަށް އިންސާނާ ދަތުރު ކުރާނެކަން ވަނީ އަންގަވައިފައެވެ. އެއީ ދުނިޔެވީ އެދުންތަކުގައި، އިންސާނާ މަޝްޢޫލުވުމުގެ ސަބަބުން އުޚްރަވީ ހަޔާތް ބީވެގެން ހިނގައިދާނެތީއެވެ. ފިލައިދަނިވި ހިޔަންޏެއް ފަދަ ދުނިޔޭގެ ޒީނަތްތެރި ކަމުގައި، އިންސާނާ ޖެހުުމުގެ ސަބަބުން އާޚިރަތުގައި މާތް ﷲގެ ކޯފާއަށް ހުށަހެޅިދާނެ ކަމަށް ޓަކައެވެ.

ވީމާ ދުނިޔެއަށް ވުރެ އާޚިރަތުގެ އަގުބޮޑުކަން ކޮންމެ މުސްލިމަކު ދެނެގަނެ، ތިމާގެ އުޚްރަވީ ހަޔާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!