ޚަބަރު

ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވައިލާން “ސްމާޓްކޮމް” ތަޢާރަފްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވައިލާން "ސްމާޓްކޮމް"ގެ ނަމުގައި ބްރޭންޑެއް ތަޢާރަފްކޮށްފިއެވެ.

Ads by STELCO

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛް ފައްޔާޒު އިސްމާއިލްއެވެ.

ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނެއެވެ. އަދި މުޖުތަމައުގެ އެންމެހައި ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ
ވެސް އެއް އަމާޒެވެ. މީގެ އިތުރުން ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނެއެވެ.

މި ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސްތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެން ދާނެއެވެ. އަދި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުމާއި އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށް ވެސް ލިބިގެން ދާނެއެވެ. ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުކޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާ އެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗް.ޑީ.ސީއިން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިހައިތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާ އެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ. އެޗް.ޑީ.ސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ވެސް ފޯރުކޮށްދިނުމެވެ.

އެގޮތުން އިންޓަނެޓް އަދި ޓީވީ ފަދަ ޚިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ދަނީ ހަލުވިކަމާ އެކު ގާއިމު ކުރެވި އޭގެ ޚިދުމަތްތައް ތައާރަފް ކުރެވެމުންނެވެ. މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައް ދޭން ފަށައިފައެވެ. އަދި ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނިތަކަށް ވެސް އެއްޓަވަރުތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭ ފަދަ މުއާސަލާތީ ޓަވަރުތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލްތަކެއް ޖެހުމުގެ
މަސައްކަތްތައް ވެސް ކުރިއަށްދެއެވެ.

މިހައިތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ މޮބައިލް ޚިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދޭން ފަށައިފައެވެ. ހުރިހާ ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ މިފަދަ ޑިޖިޓަލް އިންފްރާސްޓަރގެ ސަބަބުން ރައްޔިތުންނަށް އަވަސްކަމާ އެކު ޚިދުމަތްތައް ފޯރުކޮށްދެވި، ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުވެގެން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!