އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމިއްލަފުޅު ޓުވިޓާ އެކައުންޓު ހެކްކޮށްފިއެވެ.
މޯދީގެ ޓްވިޓާ އެކައުންޓު ހެކްކުރި މިއީ ދެވަނަ ފަހަރެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހެކް ކުރުމަށް ފަހު އެ އެކައުންޓުން ކުރީ އެންމެ ޓުވީޓެކެވެ. އެއާ އެކު އެކަން މޯދީގެ އޮފީހަށް ފާހަގަވެ އެކައުންޓު ވަގުތުން ވަނީ އަނބުރާ ހޯދައިފައެވެ.
މޯދީގެ އޮފީހުން ބުނީ އެކައުންޓު ހެކް ކުރިތާ މާ ގިނައިރެއް ނުވެ އަނބުރާ ހޯދިފައިވާ ކަމަށާއި ޓްވިޓާގެ މާގިނަ މައުލޫމާތުތަކަކަށް އެކްސެސް ވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ.
ހެކް ކުރުމަށް ފަހު ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ރަސްމީކޮށް 500 ބިޓްކޮއިން ގަނެ އެތަކެތި އާންމުންނަށް ބަހަމުންދާ ކަމަށެވެ. ބެލެވޭ ގޮތުގައި ހެކަރުން މަސައްކަތް ކޮށްފައި ވަނީ ކަރަންސީ ޓްރޭޑު ވިޔަފާރިން ފައިދާ ހޯދުމަށެވެ.
މިދިޔަ 2020ވަނަ އަހަރު މޯދީގެ ޓުވިޓާ އެކައުންޓު ހެކްކުރުމަށް ފަހު ޓުވީޓު ކުރީ ލިންކެއް މެދުވެރިކޮށް އިންޑިއާގެ ކޮވިޑް ރިލީފް ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް އެދިއެވެ. އެ ލިންކަށް ވަދެ އެތައް ބަޔަކު ފައިސާ ހަދިޔާކުރިކަމުގެ ޝަކުވާ އޭރު ލިބުނެވެ.
މިދިޔަ މަހުގެ ތެރޭގައި ބޮޑުވަޒީރު މޯދީ ވަނީ ކަރަންސީ ޓްރޭޑުގެ ސަބަބުން އިންޑިއާ ޒުވާނުން ހަލާކުވަމުންދާކަމަށް ބުނެ އޮންލައިންކޮށް ކުރާ އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް ގޮވައިލައިފައެވެ. އިންޑިއާގެ ތަރައްގީ ހިސާބުތަކުގައި މި ވިޔަފާރި ފުޅާވެ ޒުވާނުންގެ މެދުގައި ވަނީ މަގުބޫލުކަން ހޯދައިފައެވެ. ސަރުކާރުން ދަނީ އެފަދަ ނެޓްވޯކުތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފައެވެ.
ކަރަންސީ ޓްރޭޑުގެ ސަބަބުން އިންޑިއާގައި ޑޮލަރުގެ ކަޅު ބާޒާރަށް ވެސް އަންނަނީ ޑިމާންޑު އިތުރުވަމުންނެވެ.