މެމްބަރު ޙުސައިންގެ ޢާއިލާއަށް އިދިކޮޅުން ތައުޒިޔާ ދަންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތައުޒިޔާ ދަންނަވައިފިއެވެ.
މެންބަރު ހުސެއިން އަވަހާރަވީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ހުސެއިންގެ ހާލު ކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ދެމުން އަންނަތާ ދެ ހަފްތާ ވެއްޖެއެވެ.
އިދިކޮޅުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެންބަރު ޙުސައިން ވަޙީދު އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އަޑު އެހީ ފުން ހިތާމައާއި އަސަރާ އެކު ކަމަށެވެ. އަދި މަރްޙޫމް ޙުސައިން ވަޙީދުގެ ލޮބުވެތި ޢާއިލާއާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންގެ ފުން ހިތާމައިގައި އެކޯލިޝަންގެ މެންބަރުން ބައިވެރިވާ ކަމަށް އިދިކޮޅުން ވިދާޅުވިއެވެ.
އިދިކޮޅުން ވަނީ ޙުސައިން ވަޙީދުގެ ޢާއިލާއާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެންމެހައި މެންބަރުންނަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓް
ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި އެ ކޯލިޝަންއަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާކޮށްފައެވެ.
“އަލްމަރްޙޫމް ޙުސައިން ވަޙީދުގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.” އިދިކޮޅުން ވިދާޅުވިއެވެ.
ހުސެއިން އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ގޮތުން އެއްކޮށް އުޅުއްވި ބޭފުޅުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ގެންދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.